މޯލްޑިވްސް ޕޮލިސް ސާވިސް

ޓެކްނޮލޮޖީގެ ދާއިރާގައި ފުލުހުން ހޯދާފައިވާ ކުރިއެރުން ދައްކައިދޭ ސެންޓަރެއް

ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ ސެންޓަރެއް ހުޅުވައިފި އެވެ.

އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި މި ސެންޓަރު ހުޅުވާފައިވަނީ "ސެންޓަ އޮފް އެކްސަލެންސް ފޯ ޕަބްލިކް ސޭފްޓީ"ގެ ނަމުގައެވެ.

އައްޑޫގައި މިމަހުގެ 20 ވަނަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހެޑް އޮފް ސައިބަ ސެކިއުރިޓީ ކައުންސިލް ޑރ. މުހައްމަދު އަލް ކުވައިތީ އާއި މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ “ސެންޓަރ އޮފް އެކްސަލެންސް ފޯ ޕަބްލިކް ސޭފްޓީ” ހުޅުވައިފިއެވެ.

މިސެންޓަރު ވުޖޫދުކުރުމުގައި ޔޫއޭއީގެ "ޕްރީސައިޓް" ކުންފުނިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެ އެވެ. މިކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.

ފުލުހުން ބުނީ މި ސެންޓަރުގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގ ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ހުރި ތަނެއް ކަމަށެވެ. އެގޮތުން ކުށުގެ މާހައުލު ދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި، ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ އިތުރުން ސައިބަ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް މި ސެންޓަރުން ފެނިގެންދެ އެވެ.

މިރަސްމިއްޔާތުގައި ޑރ. މުހައްމަދު އަލް ކުވައިތީ ވިދާޅުވީ މި ސެންޓަރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ތަނެއް ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިފަދަ މަސައްކަތްތަކެއްގެ ތެރެއިން ފުލުހުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަމާން، ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ހެދުން ކަމަށެވެ.

"މި އަމާޒު ހާސިލުކުރެވޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވިގެން. ބަވަނަ ވެފައިވާ މުޖުތަމައެއްގައި ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކުރުމަކީ ހަމައެކަނި އިސްތިރާޖީ އުކުޅެއް ނޫން. އެއީ ފުލުހުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާގެ ތެރެއިން ހިމެނިގެންދާ ކަމެއް،" ސީޕީ ވިދާޅުވި އެވެ.