މުހައްމަދު ހަމީދު

އައްޑޫގައި ކުށްކުރާ 12 ގުރޫޕެއް، ޑްރަގް ނަގާ 1540 މީހުން

އެކި ކުށްތަކަށް އަރައިގަންނަ 12 ގުރޫޕެއް އައްޑޫ ސިޓީގައި ހަރަކާތްތެރިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އައްޑޫގައި ހަރަކާތްތެރިވާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސީޕީ ވިދާޅުވި ގޮތުގައި އެ ސިޓީގައި ހަރަކާތްތެރިވާ އެކި ގުރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގުން އިތުރުވެފައިވާ ކަަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ކުށްތަކަށް އަރައިގަންނަ 12 ގުރޫޕެއްް ހަރަކާތްތެރިވާ ކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ.

ސީޕީގެ އިންޓަވިއު ރިޕޯޓްކުރި އައްޑޫގެ ބައެއް ނޫސްތަކުގައިވާ ގޮތުން އައްޑޫގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅު ކުރައްވާފައެވެ. އަދި ވަރަށް ޅަ އުމުރުގެ ކުދީން މަސްތުވާތަކެތި ބޭނުންކޮށްގެން އޭގެ ވިޔަފާރި އާއި ސަޕްލައިގެ ތެރޭގައި ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންނަށް އެނގިފައިވާ ގޮތުން އެ ސިޓީގައި 1540 މީހަކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު ކުށްތަކަށް އަރައިގަަންނަ 19 މީހަކު އެބަ ތިބި ކަމަށްވެސް ވިދާޅުވިއެވެ.

އައްޑޫއަކީ ކުށް މަދު އަމާން މުޖްތަމައުއަކަށް ހެދުމަށް އެފަދަ މީހުންނަށް ގާނޫނުގައިވާ އަދަބު ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.