މަސްތުވާތަކެތި

އައްޑޫ އޮޕަރޭޝަން: 98 ކިލޯގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 98 ކިލޯގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކެއް ގުޅިގެން އައްޑޫގައި ދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަނުން ގުޅިގެން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުުހުން ބުނީ މި ނެޓްވޯކްގައި އިސްކޮށް ހުރީ ސ.ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (33) ކަމަށެވެ. ފުލުހުން ބުނީ އަބްދުﷲ އިބްރާހިމް އާއ ދިވެހިންގެ އިތުރު ބަޔަކާއި ބޭރު ބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.

ހަތަރު ދުވަހަށް ދިގު ދެމިގެންދިޔަ އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ އަބްދުﷲ އިބްރާހީމް އަކީ ޖުލައި 30، 2019 ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް މިިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުުހުން ބުންޏެވެ. އަދި އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސ.ހިތަދޫ ފިނިފަރު، އަބްދުﷲ އިބްރާހީމް އާއި ސ. ހިތަދޫ ކޯޅި، މުހައްމަދު ޔާމީން ނަސީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. މައްސަލާގައި ތުހުމަތު ކުރެވުނު އެހެންމީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖްލިސް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފައެވެ.

އައްޑޫ ޑްރަގް އޮޕަރޭޝަން
ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އައްޑޫ ސިޓީ ހިތަދޫއަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި މިދިޔަ ހަތަރު ދުވަހު ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ބައިވެރިވެފައިވެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހުރިހާ އެންމެންނަކީވެސް ދިވެހިންނެވެ. އެ މީހުންނާއެކު 98 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވެސް ވަނީ އަތުލައިގެންފައެވެ. މިއީ މި ފަހުން ފުލުހުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތިއެވެ. ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ. ފުލުހުން ބުނީ އަދިވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަންގައި މިހާރުވެސް އައްޑޫގެ ބައެއް ގޭގެ ދަނީ ބަލާ ފާސްކުރަމުންނެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށް ފުލުހުން މިރޭވެސް ބުންޏެވެ. އަދި މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަމަށްވެސް ބުންޏެވެ.

އަދި މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމާތު ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރި ގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށްވެސް ބުންޏެވެ. މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރެއިން ފެށިގެން ދިޔައީ ރިޕޯޓް ކުރަމުންނެވެ. އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ޕާކިސްތާނުގެ އެންޓީ ނާކޮޓިކް ފޯސް (އޭއެންއެފް) އާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ގުޅިގެން އިއްޔެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ކަަމަށެވެ. އަދި ބުނެފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހުއްޓުވީ ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކުގައި ދިވެހި ރާއްޖެ އައި އަރަބިކަނޑާ ގުޅޭ ހިސާބުން ކަމަށެވެ.

އެ މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އެ ނޫސްތަކުން އާންމު ކޮށްފައި ވެއެވެ.