މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް

މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ހިންގަމުންދާ އޮޕަރޭޝަންގައި ބަޔަކު މީހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ބަޔަކު މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ވަނީ އަތުލައިގެންފައެވެ.

އައްޑޫ އޮޕަރޭޝަންގައި ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކަކުން ދަނީ ބައިވެރިވަމުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖަންސް ޔުނިޓް އަދި ޑިވިޝަން އިންޓެލިޖަންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އަދި ސައުތު ޕޮލިސް ޑިވިޝަނުން ދަނީ ބައިވެރިވަމުންނެވެ.

ފުލުހުންގެ އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް ސީޕީ އަދި ފުލުހުންވެސް ނުދެއެވެ. މިހާތަނަށް ހައްޔަރުކުރީ ކިހާ މީހުންނެއް ކަމެއް އަދި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދެއްވެސް ހާމައެއް ނުކުރެއެވެ.

އައްޑޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފުލުހުންގެ އޮޕަރޭޝަނަކީ އައްޑޫސިޓީ ހިތަދޫއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި އެތެރެކުރަން އެހީތެރިވެދިން ކަމަށް ތުހުމަތުވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

"ލޯންޗެއްގައި މަސްތުވާތަކެތި އެތެރެ ކުރަން ބަޔަކު އުޅުނީ. އެކަމު ކަނޑުމަތިން އެ ލޯންޗު ހުއްޓުނީ. އެހެންވެ އެހެން ބަޔަކު އެހީތެރިވެދީގެން އެ ލޯންޗު ހިތަދޫއާ ހަމައަށް ގެނެސްދެނީ. އެކަމު އެ މީހުންނަށް ނޭންގޭ ހުއްޓުނު ލޯންޗުގައި ހުރީ ކޮންއެއްޗެއް ކަމެއްވެސް. ފުލުހުން ވަނީ ހުއްޓުނު ލޯންޗަކަށް އެހީވެދިން ލޯންޗުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައި. އަސްލު އެ ލޯންޗަކީ މަހުން އައި ލޯންޗެއް،" އައްޑޫ ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.