މަސްތުވާތަކެތި

އައްޑޫ އޮޕަރޭޝަން: ޝަރީއަތް ނިމެންދެން ބޮޑުން ބަންދަށް

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 98 ކިލޯގެ ޑްރަގްސްއާއެކު ހައްޔަކުރި 14 މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނު މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފި އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކެއް ގުޅިގެން އައްޑޫގައި ދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަން ގުޅިގެން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުުހުން ބުނީ މި ނެޓްވޯކްގައި އިސްކޮށް ތިބީ ސ. ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް 33، އާއި އަދި ސ. ހިތަދޫ ކޯޅި، މުހައްމަދު ޔާމީން ނަސީރު ކަމަށެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ.

ދެން މި މައްސަލާގައި ތުހުމަތު ކުރެވުނު 12 މީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖްލިސް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފައެވެ. ބަންދުގެ މަޖިލީހަށް އަދި ހާޒިރު ނުކުރެވި ވަނީ ކިހާ މީހުންނެއް ކަމެއް ފުލުހުން ނުބުނެއެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ އަބްދުﷲ އިބްރާހީމް އަކީ ޖުލައި 30، 2019 ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް މިިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުުހުން ބުންޏެވެ. އަދި އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ހަތަރު ދުވަހަށް ދިގު ދެމިގެންދިޔަ އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.