ހައްޖުގެ އަޅުކަން

ހައްޖުގެ 60،000 ޖާގައަށް 558،000 މީހުން ހުށައެޅި

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރުސަތު ލިބޭތޯ 558،000 ވުރެ ގިނަ މީހުން ހުށައަޅާފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުގެ އަޅުކަން ކުރިއަށް ގެންދަނީ މަދު އަދަދެއްގެ ބަޔަކަށް ފުރުސަތު ދީގެންނެވެ.

މިދިޔަ އަހަރު ފުރުސަތު ދިނީ 10،000 މީހުންނަށެވެ. ނަމަވެސް މި އަހަރު 60،000 މީހުންނަށް ފުރުސަތު ދީފައިވެއެވެ. އެ މީހުން ހޮވާފައިވަނީ އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިންނެވެ. ސައުދީ ސަރުކާރުން ބުނީ 558،000 ވުރެ ގިނަ ހުށައެޅުން ލިބުނު ކަމަށެވެ.

މި އަހަރުވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ފުރުސަތު ދިނީ ސައުދީގައި ތިބި މީހުންނަށް އެކަންޏެވެ. ނަަމަވެސް އޭގެ ތެރޭގައި ސައުދީގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުންވެސް ހިމެނެއެވެ.

ސައުދީގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ ފުރުސަތު ދިން 60،000 މީހުންގެ ތެރޭގައި 150 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. އަދި ފުރުސަތު ދިނުމުގައިވެސް ވީހާވެސް ގިނަ ގައުމުތަކެއް ތަމްސީލުވާނެ ގޮތަށް އިސްކަން ދީފައިވާނެ ކަމަށެވެ.

ހައްޖުގެ އަޅުކަމަށް ހައްޖުވެރިން މިހާރު ދަނީ މައްކާއަށް ޖަމާވަމުންނެވެ. މިއަދު ހެނދުން ފެށިގެން މައްކާ އަންނަ ހައްޖުވެރިން ގެންދަނީ އުމްރާގެ އަޅުކަން އަދާ ކުރަމުންނެވެ.

މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނެވެ. މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހައްޖުވުމުގެ ފުރުސަތެއް މި އަހަރު ނެތެވެ. ހައްޖުގެ އަޅުކަމަށް ފުރުސަތުދިން 60،000 މީހުންނަކީ އުމުރުން 65 އަހަރުން ދަށުގެ ސިއްހީ ގޮތުން ރަނގަޅު މީހުން ކަމަށްވެސް ސަައުދީ ސަރުކާރުން ބުންޏެވެ.