ހައްޖުގެ އަޅުކަން

ހައްޖުވުމުގެ ފުރުސަތު 10،000 މީހުންނަށް!

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 10،000 މީހުންނަށް ކަމަށް ސައޫދީގެ ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ. އެހެން ކަމުން އެ ގައުމުގެ ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ އޮފީހުން ރޭ ވަނީ ގޮތްތަކެއް ނިންމާ އެކަން އިއުލާނުކޮށްފައެވެ.

އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި ކަމަށާ ނަމަވެސް ފުރުސަތު ލިބޭނީ ކަނޑައަޅާ ވަކި މިންވަރަކަށް ކަމަށް ވަނީ ބުނެފައެވެ. ހައްޖުވުމުގެ ފުރުސަތު ސައުދީގައި މިވަގުތު ތިބި އެކި ގައުމުތަކުގެ މީހުންނަށް ފަހިކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ސައުދީން އެކި ގައުމުތަކަށް ކަނޑައަޅާ ވަކި އަދަދަ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައިދުރުކަމަށް އިސްކަންދީގެންނެވެ.

ސައުދީގެ ނޫސްތަކުގައި ބުނެފައިވަނީ މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ 10،000 މީހުންނަށް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ބަޔަކަށް ކަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ސައުދީންވެސް ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިހާތަނަށް 1،61،005 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އެ ބަލީގައި 1،307 މީހުން ވަނީ މަރުވެފައެވެ.