ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ސައުދީ ސަރުކާރުން އެޅި ފިޔަވަޅުތައް މުޅީން ދޫކޮށްލައިފި އެވެ.
ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ކޮވިޑް-19 އާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މުޅި ދުނިޔޭގައިވެސް ފިޔަވަޅުތައް އެންމެ ހަރުކަށި ކުރި އެއް ގައުމަކީ ސައުދީ އެވެ. ސައުދީ ސަރުކާރުން ކުރީން ހަމަޖައްސާފަައި އޮތް ގޮތުން ހައްޖާއި އުމްރާގެ އަޅުކަމަށް އެ ގައުމަށް އެތެރެވެވޭނީސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ބޫސްޓާ ޑޯޒް ވެސް ޖަހާފައިވާ މީހުންނަށެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ހަމަސް ދުވަސް ތެރޭގައި ބޫސްޓާ ޑޯޒް ޖަހަން ޖެހެއެވެ. ދެވަނަ ޑޯޒް ފުރިހަމަކޮށް އެ މުއްދަތު ހަމަވެ ބޯސްޓާ ޑޯޒް ނުޖަހާ މީހުންނަށް ސައުދީއަށް އެތެރެނުވެވޭ ގޮތަށް އޮތީ ހަދާފައެވެ.
ނަމަވެސް ސައުދީގެ ހެލްތް މިނިސްޓްރީން މިއަދު ބުނީ އުމްރާއަށް އެ ގައުމަށް އަންނަ މީހުންނަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށްވެސް އުމްރާ ވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ވެކްސިން ޖެހިކަން އަންގައިދޭ ލިޔުމަށް ދެން ނުބަލާނެ ކަމަށްވެސް ބުންޏެވެ. އަދި މިއަދުން ފެށިގެން ދެ ހަރަމް ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ވެކްސިން ނުޖަހާ މީހުންނަށްވެސް ދެ ހަރަމަށް ޒިޔާރަތް ކުރެވޭނެ އެވެ.
އެ ނިންމުން ނިންމީ ސައުދީގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަތަރު ޕަސެންޓަށްވުރެ މިހާރު ދަށުގައި ހުރުމުންނެވެ. އަދި އެ ގައުމުގެ އާބާދީގެ 99 އިންސައްތަ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާތީ އެވެ.