ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ސައުދިއަރަބިއްޔާ ލޮކްޑައުންކޮށް އެ ގައުމުގަައި ކާފިއު ހިންގަން ނިންމައިފި އެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެ ގަައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން އަޅަން ނިންމި ފިޔަވަޅެކެވެ. މާޗް މަހުގެ ފުރަތަމަ ހަފުތާތެރޭ ކޮވިޑްގެ ބަލި މީހަކު ސައުދީން ފެނުމާއެކު ވަރުގަދަ ފިޔަވަޅުތަކެއް އެ ގައުމުން ވަނީ އަޅާފަ އެވެ.
އެގޮތުން އުމްރާގެ އަޅުކަމަށް އޮތް ފުރުސަތު ބަންދުކޮށް އެއާޕޯޓްތައް ވެސް ބަންދުކުރި އެވެ. އަދި މަސްޖިދުއަލް ހަރާމްއާއި ނަބަވީ ވެސް ބަންދުކޮށްފަައި ވެެއެވެ.
ސައުދީ ސަރުކާރުން ބުނީ އަލުން އެ ގަައުމު ލޮކްޑައުންކޮށް ކާފިއު ހިންގަން ނިންމާފައި ވަނީ މެެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށެވެ. އެއީ ރަަމަލާން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި މައްކާ އަދި މަދީނާގަައި 24 ގަޑިއިރު ކާފިއު ހިންގަން ވެސް ނިންމާފައި ވެއެވެ.
މީގެ އިތުރުން އެހެން ހުރިހާ ސިޓީތަކެއްގައި ވެސް ވަކި ވަގުތުތަކެއްގަައި ކާފިއު ހިންގަން ވަނީ ނިންމާފަ އެވެ.
ސަައުދީ ސަރުކާރުގެ މި ނިންމުމާއެކު މިއަހަރުގެ ފިތުރު އީދުގެ ޖަމާއަތް ކެންސަލްވާނެ އެވެ.
ރޯދަ މަހު ދެ ހަރަމްފުޅުގައި ތަރާވީސް ވެސް ކުރަނީ މިސްކިތް ބަލަހައްްޓާ ސިފައިން އަދި މަސައްކަތު މީހުން އެކަނި ބައިވެރި ކޮށްގެންނެވެ. އެހެން ހުރިހާ މިސްކިތްތައް ބަންދުކޮށް ގޭގަައި ފަރުލު ނަމާދާއި ތަރާވީސް ނަމާދު ކުރުމަށް އިލްމުވެރިން ވަނީ ފަތުވާ ދީފައެވެ.
ސަައުދީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 42925 އަށް އަރާފަ އެވެ. އެ ބަލީގައި 264 މީހުން ވަނީ މަރުވެފަ އެވެ. މިހާތަނަށް އެ ގައުމުން ވަނީ 15257 މީހުން ރަނގަޅުވެފައި ވެއެވެ.
ކޮވިޑްގެ ހާލަތު މުޅިން ރަނގަޅު ނުވަނީސް އަލުން އުމުރާގެ އަޅުކަމަށް ހުޅުވާ ނުލަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި އަހަރުގެ ހައްޖު މޫސުމަށް ސައުދީ ހުޅުވާލެވޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.