ރިޔާދު (މެއި 27) - ކޮވިޑް-19 އާ ގުޅިގެން ސައުދީ އަރަބިއްޔާގައި އަޅާފައިވާ ކާފިއު އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމައިފި އެވެ.
ފިޔަވަހި ތަކަކަށް ބަހާލައިގެން ފިޔަވަޅުތައް ލުއި ކުރާއިރު، 24 ގަޑިއިރަށް އިއުލާނު ކޮށްފައިވާ ކާފިއު، މާދަމާ އިން ފެށިގެން މެންދުރުފަހު 3:00 އިން ހެނދުނު 6:00 އަށް ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން، އެތެރޭގެ ދަތުރުފަތުރާއި، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ސަރުކާރާއި ޕްރައިވެޓް އޮފީސްތައް ހުޅުވާލާނެ ކަމަށް ސަރުކާރުން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.
އެހެނަސް، މައްކާގައި ޖޫން 21 އާ ހަމައަށް 24 ގަޑިއިރުގެ ކާފިއު ދެމި އޮންނާނެ ކަމަށާއި، އެ ސިޓީގައި ކާފިއުއަށް ލުޔެއް ދޭނީ އޭގެ ފަހުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އަދި ހައްޖާއި އުމުރާގެ އަޅުކަން އަދާ ނުކުރެ ވޭގޮތަށް ނިންމާފައިވާ ނިންމުން ދެމި އޮންނާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ފިޔަވަޅުތައް ލުއި ކުރި ނަމަވެސް، ގައިދުރު ކުރުމުގެ އުސޫލުތަކަށް ރައްޔިތުން ތަބާވާން ޖެހޭނެ އެވެ. އެއްފަހަރާ 50 މީހުނަށްވުރެ އިތުރަށް އެއްވެ އުޅުން އަދިވެސް މަނާވާނެ އެވެ.
އަދި އިގުތިސޯދީ ހަރަކާތްތައް ފެށުމުގެ ގޮތުން، ފިހަރާތަކާއި ޝޮޕިން މޯލްތަކުގެ އިތުރުން ކެފޭތައް ހުޅުވުމުގެ ހުއްދަ ވެސް އަލުން ދޭން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، ގައިދުރު ކުރުމުގެ ފިޔަވަޅުތައް އަޅަން އުނދަގޫ، ސިނަމާތަކާއި، ސެލޫންތަކާއި ކުޅިވަރު ކުޅޭ ތަންތަން އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.
ސައުދީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 75،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 400 މީހުން ވަނީ މަރުވެފަ އެވެ.