ރިޔާދު (ޖުލައި 5) - ކޮވިޑް-19 ގުޅިގެން ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އެޅި ކާފިއު މިދިއަ މަހު އުވާލާފައިވާއިރު، މެދުއިރުމަތީގެ އެ ދެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިއަ މާޗު މަހުގެ މެދެއްހާ ހިސާބުން ފެށިގެން ވައިރަހާ ދެކޮޅަށް ދެ ގައުމުން އެޅި ފިޔަވަޅުތައް މަޑުމަޑުން ލުއިކޮށްފައިވާއިރު، ސައުދީގައި ބަލި ޖެހުނު މީހުންގެ އަދަދު 200،000 ހުރަސްކޮށްފައިވާއިރު، ޔޫއޭއީގައި އެ އަދަދު ވަނީ 50،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ގަލްފުގެ ހަ ގައުމުގެ ތެރެއިން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސައުދީގައި މިދިއަ ހުކުރު އަދި ހޮނިހިރު ގައި 4،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، ޖުމްލަ އަދަދު ވަނީ 205،929 އަށް އަރައިފަ އެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1،850 ހުރަސްކޮށްފަ އެވެ.
ޔޫއޭއީގައި ވެސް މިދިއަ މެއި މަހުގެ ފަހުކޮޅުން ފެށިގެން ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު 300 އާއި 400 އާ ދެމެދު ހުރުމަށްފަހު، ހުކުރު ދުވަހު 600 އެއްހާ ކޭސް ރިޕޯޓުކޮށްފައިވާއިރު، އިއްޔެ ވެސް 700 މީހުނަށް އެ ބަލި ވަނީ ޖެހިފަ އެވެ.
ޔޫއޭއީގައި ކޭސްތައް އިތުރުވެފައިމިވަނީ، އެ ސަރަހައްދުގެ ވިޔަފާރި އަދި ޓޫރިޒަމް ހަބުގެ ގޮތުގައި އޮތް ދުބާއީ އަންނަ އަންގާރަ ދުވަހު ބޭރު މީހުނަށް ބޯޑަރު ހުޅުވާލަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.