ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހައްޖަށް ދިޔުމުގެ ޕްލޭނުތައް މަޑުޖައްސާލަން ސައުދީން އެދިއްޖެ

Apr 1, 2020

ރިޔާދު (އޭޕްރީލް 1) - ކޮވިޑް-19 އާ ގުޅިގެން، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހަދަމުންދާ ޕްލޭނުތައް މި ވަގުތަށް މަޑުޖައްސާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އިލްތިމާސްކޮށްފި އެވެ.

ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށް ސައުދީ ސަރުކާރުން ވަނީ އުމްރާ އަޅުކަން ކެންސަލްކޮށް، މައްކާ އަދި މަދީނާއަށް ދަތުރުފަތުރުކުރުން ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ.

ޖުލައި މަހުގެ ފަހުކޮޅު ފެށޭ ހައްޖު މޫސުމަށް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނަށް ވުރެ ގިނަ މުސްލިމުން ސައުދީއަށް ދަތުރުކުރެ އެވެ. ނަމަވެސް، އެހާތަނަށް މި ބަލިމަޑުކަމުން ސަލާމަތްވެވޭނެކަން ޔަގީންނުވާތީ، ހައްޖަށް ދާން ފައިސާ ދެއްކުންފަދަ ކަންކަން މި ވަގުތަށް މަޑުޖައްސާލުމަށް ސައުދީގެ އުމްރާ އަދި ހައްޖާބެހޭ ވަޒީރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ސައުދީގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 1،453 އަށް އަރާފައިވާއިރު، އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ސައުދީ އަރައްބިއްޔާގައި ކޮވިޑް-19 ޖެހޭ ހުރިހާ އެންމެންގެ ބޭސް ފަރުވާގެ ހަރަދު ސައުދީ ރަސްގެފާނު ސަލްމާން ދެއްވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް، ސައުދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، ސައުދީއަށް އަންނަ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކެއް ހުއްޓުވާފައިވާއިރު، ރިޔާދު، މައްކާ، މަދީނާ އަދި ޖިއްދާ ފަދަ ސިޓީތަކަށް މީހުން ވަދެ ނުކުތުން ވަނީ ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ.

އޭގެ އިތުރުން، ސައުދީގައި މިވަގުތު ހުރި ކާބޯތަކެތީ ރިޒާވް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.