ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑުގެ ބިރަށް މެލޭޝިއާ މީހުނަށް ހައްޖަށް ނުދެވޭ ގޮތަށް ނިންމައިފި

Jun 12, 2020

ކުއަލަ ލަމްޕޫރު (ޖޫން 12) - ކޮވިޑް-19 އިގެ ކަންބޮޑުވުންތަކާ ގުޅިގެން، މިއަހަރު މެލޭޝިއާ މީހުނަށް ހައްޖަށް ނުދެވޭގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މެލޭޝިއާ އިން ވެސް ކޮންމެ އަހަރަކު އެތަކެއް ހާސް މީހުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދަތުރުކުރާއިރު، ފަރުވާއެއް ނެތް ބަލި ޖެހުމުގެ ފުރުސަތު ބޮޑުއިރު، މިއަހަރު ހައްޖަށް ދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވާކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އެހެންކަމުން، މިއަހަރު ހައްޖަށް ދާން ތިބި މީހުން، އެ ނިންމުމަށް އިހުތިރާމްކޮށް، ކެތްތެރިވާނެކަމަށް އުއްމީދުކުރަން،" ހެލްތު މިނިސްޓަރު ޒުލްކިފްލީ މުހައްމަދު އަލް-ބަކްރީ ޓީވީ މެދުވެރިކޮށް ވިދާޅުވި އެވެ.

މެލޭޝިއާގެ އިތުރުން، ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާ އިން ވެސް ވަނީ މި އަހަރު ހައްޖަށް ނުދެވޭ ގޮތަށް ނިންމައިފަ އެވެ.

ސައުދީއާއެކު ކޯޓާ ހަމަޖެހިފައިވާ ގޮތުން، މެލޭޝިއާ މުސްލިމުން ހައްޖު އަޅުކަން އަދާކުރަން ގާތްގަނޑަކަށް 20 އަކަށް އަހަރު މަޑުކުރަންޖެހެ އެވެ. އެގޮތުން، މިއަހަރު 31،000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދާން ހަމަޖެހިފައިވާކަމަށް ކަމާގުޅޭ އިދާރާ އިން ވަނީ ބުނެފަ އެވެ.

ޖުލައި މަހުގެ ފަހުކޮޅު ފެށޭ ހައްޖު މޫސުމަށް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނަށް ވުރެ ގިނަ މުސްލިމުން ސައުދީއަށް ދަތުރުކުރެ އެވެ.

ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށް ސައުދީ ސަރުކާރުން ވަނީ އުމްރާ އަޅުކަން ކެންސަލްކޮށް، މައްކާ އަދި މަދީނާއަށް ދަތުރުފަތުރުކުރުން ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ.

އަދި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހަދަމުންދާ ޕްލޭނުތައް މި ވަގުތަށް މަޑުޖައްސާލުމަށް ސައުދީ ސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.