ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެލޭގައި ހުންނަ އަލް ޖަޒީރާ އޮފީހަށް ފުލުހުން ވަދެއްޖެ

Aug 4, 2020

ކުއަލަ ލަމްޕޫރު (އޯގަސްޓް 4) - މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ އަލް ޖަޒީރާ ނޫހުގެ އޮފީހަށް ވަދެ، ދެ ކޮމްޕިޔުޓަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ނޫހުން ބުނެފި އެވެ.

އަލް ޖަޒީރާ ނޫހުގެ އޮފީހަށް ފުލުހުން މިއަދު ވަދެފައިވަނީ، އެ ނޫހުން ކޮމިޔުނިކޭޝަނާއި އަބުރުގެ ގާނޫނާ ހިލާފުވެފައިވާކަމަށް މެލޭޝިއާގެ ކަމާގުޅޭ އިދާރާތަކުން ތުހުމަތުކޮށްފައިވަނިކޮށެވެ.

އެ ނޫހާ ދެކޮޅަށް ތަހުގީގެއް ފަށާފައިވަނީ، އަލް ޖަޒީރާގެ މަޝްހޫރު 101 އީސްޓް ޕްރޮގްރާމްގައި، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން، މެލޭޝިއާގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ސަރުކާރުން އަމަލުކުރިގޮތް ގެނެސްދީފައިވަނިކޮށެވެ.

ޖަލު ހުކުމާއި ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ ދައުވާތަކާގުޅިގެން، މީޑިއާގެ މިނިވަންކަމަށް މެލޭޝިއާގެ ސަރުކާރުން ހުރަސްއަޅަމުންދާކަމަށްބުނެ އަލް ޖަޒީރާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މިދިއަ މަހުގެ ތިން ވަނަ ދުވަހު ގެނެސްދިން ޕްރޮގްރާމާ ގުޅިގެން އަލް ޖަޒީރާގެ ހަތް ނޫސްވެރިއަކާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އަދި އޭގެ ފަހުން، އެ ނޫހުގެ ނޫސްވެރިންގެ އިތުރުން، އެ ޕްރޮގްރާމަށް މައުލޫމާތު ދިން މީހުނަށް ބިރުދައްކައި، އިންޒާރު ދެމުންދާކަމަށްވެސް އެ ނޫހުން ވަނީ ބުނެފަ އެވެ.