ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާ: ކޮވިޑްޖެހިގެން މަރުވާ މީހުން އަންދާލަން މަޖުބޫރުކޮށްފި

Apr 13, 2020
2

ކޮލޮމްބޯ (އޭޕްރީލް 13) - ސްރީލަންކާގެ މުސްލިމުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއްދީ، ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަން ސަރުކާރުން ނިންމައި، އަމަލުކުރަން ފަށައިފި އެވެ.

ކޮވިޑް-19 ޖެހިގެން ލަންކާގައި މިހާތަނަށް މަރުވި މީހުންގެ ހަތް މީހުންގެ ތެރޭގައި ތިން މުސްލިމުން ހިމެނެ އެވެ. އެ ތިން މީހުންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އެ ތިން މީހުންގެ ހަށިގަނޑުވެސް ވަނީ އަންދައިލަފަ އެވެ.

"ކޮވިޑް-19 ޖެހިގެން ނޫނީ އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު މަރުވެއްޖަނަމަ، އެ މީހެއްގެ ހަށިގަނޑު އަންދާން ވަނީ ނިންމާފައި،" ލަންކާގެ ހެލްތު މިނިސްޓަރު އިއްޔެ ވިދާޅުވެފަ އެވެ.

ލަންކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުން އަމަލުކުރަންޖެހެނީ މުޖުތަމައު ބައިބައިވާ ގޮތަށް ނޫން ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ކޮންމެހެން އަންދާލަން ނުޖެހޭ ކަމަށާއި، އެމީހުން ވަޅުލުންވެސް އެންމެ ރަނގަޅުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މުއްދަތެއް ނެތް ގޮތަށް ލަންކާގައި ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 200 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ގާތްގަނޑަކަށް 21 މިލިއަން މީހުންގެ އާބާދީގައި، 10 ޕަސަންޓް މުސްލިމުން ދިރިއުޅޭ ލަންކާގައި، ދީނީ އުސޫލުތަކާއި އާދަކާދައަށް ސަރުކާރުން ފުރަގަސްދީފައިވާކަމަށް ބުނެ، ލަންކާގައި ލަންކާގެ ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.