ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރޯދައާއެކު އިސްލާމީ އުއްމަތަށް ތަފާތު އިމްތިހާނެއް

Apr 24, 2020
3

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަ އިންތިޒާރެއް ކުރެ އެވެ. އަޅުކަމުގެ ހާއްސަ ކަމުގެ އިތުރުން އެކި މީހުނަށް ތަފާތު އެކި ސަބަބުތަކެވެ. އެއް ބަޔަކު ގޭތެރެ ޒީނަތްކޮށް ރޯދައަށް ތައްޔާރު ވާއިރު، އަނެއް ބަޔަކު ޗުއްޓީ ނަގައިގެން އާއިލާ ކައިރީގައި މުޅި މަސް އެކުގައި ހޭދަ ކުރުމަށް ދުރާލައި ނިޔަތްގަނެ އެވެ. ރޯދައިގެ މާތް އަޅުކަމާއެކު މުޖުތަމައުގައި އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާވުމުގެ ރަމްޒެއްގެ ގޮތުގައި ރޯދަ މަސް އޮންނަނީ ވެފަ އެވެ.

ނަމަވެސް މިއަހަރުގެ ބަރަކާތްތެރި ރޯދަ މަސް މުސްލިމުންނަށް މަރުހަބާ ކިޔާފައި މިވަނީ މުޅި ދުނިޔެ ނާމާންކަމާއި ބިރުވެރި ކަމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގަ އެވެ. ކޮވިޑް-19 އިގެ ބަލާއާފާތާއެކު ރޯދައިގެ އާއްމު ސަގާފަތްތަކާއި އާދަކާދަތައް ބަދަލު ކުރަން މުޅި އިސްލާމީ އުއްމަތަށް ވަނީ މަޖުބޫރުވެފަ އެވެ.

އާއްމުކޮށް ރޯދަ މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން، މިސްކިތްތަކުގައި ޖަމާއަތް ހެދުން ނިސްބަތުން އެތައް ގުނައެއް އިތުރު ވެގެންދާ މަހެކެވެ. އެކަމަކު މިއަހަރު ކޮނޑާ ކޮނޑު ޖައްސައިގެން، ޖަމާއަތުގައި ނަމާދު ކުރުން ވަނީ ދޫކޮށްލާފަ އެވެ. ބޮޑެތި ޖާފަތްތައް ހަދައިގެން، މުޅި އާއިލާ އެކީގައި އެއް ސުފުރާ މަތިން ރޯދަ ވީއްލޭނެ ގޮތެއް ނެތެވެ. މުޅި ހިސާބުގަނޑު އެންމެން އެއްތަނަކަށް ޖަމާވެ، އެކުވެރިކަން އާލާ ކުރުމުގެ ހުރިހާ މަގެއް ވަނީ ބަންދުވެފަ އެވެ.

ކޮވިޑްގެ ބަލި ފެތުރިދާނެކަމުގެ ބިރަށް އެފަދަ އެއްވެސް ކަމެއް ނުކުރަން ސިއްހީ މާހިރުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އެކަކު އަނެކަކުގެ ކިބައިން ބަލި ފެތުރުން ހުއްޓުވުމަށް އެ ހުރިހާކަމެއް މުސްލިމު ގައުމުތަކުގައި ވަނީ ލިމިޓް ކޮށްފަ އެވެ.

އިސްތިސްނާއެއް ކިރިޔާވެއް ގެންގުޅެނީ ޕާކިސްތާނު ފަދަ މަދު ގައުމުތަކެކެވެ. ސައުދީ އަރަބިއްޔާ އާއި އިރާނު އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި މިސްކިތްތައް ބަންދު ކޮށްފައިވި ނަމަވެސް، ދީނީ އިލްމުވެރިންގެ ޕްރެޝަރާއެކު، ޕާކިސްތާނުގެ ސަރުކާރަށް ވަނީ ޝަރުތު ތަކަކާއެކު، ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން މަޖުބޫރެއް ވެފަ އެވެ. އެކަމަކު މިސްކިތްތަކުގައި ޖަމާއަތް ހެދި ނަމަވެސް، ކޮންމެ ދެ މީހެއްގެ މެދުގައި ހަ ފޫޓު ބެހެއްޓުން ވަނީ ލާޒިކޮށްފަ އެވެ.

އެ އުސޫލުގެ ދަށުން ނަމަވެސް، މިސްކިތްތަކަށް މީހުން އެއްވެއްޖެނަމަ، އިތުރު ފުރާނަ ތަކަކަށް ނުރައްކާ ވާނެ ކަމަށް ބުނެ، ޕާކިސްތާނުގެ އެތަކެއް ޑޮކްޓަރުންނެއް ވަނީ ސަރުކާރަށް ހާއްސަ އިލްތިމާސެއް ވެސް ކޮށްފަ އެވެ. ނަމަވެސް، "މިނިވަން" ގައުމެއްކަމަށް ވިދާޅުވެ، މިސްކިތްތައް ބަންދު ކުރެވެން ނެތް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ނިންމަވައިފަ އެވެ.

"އަޅުގަނޑުމެން ގަދަބާރުން މީހުން މިސްކިތްތަކަށް ދިއުން ހުއްޓުވަން ވީތޯ؟ އަދި އެމީހުން މިސްކިތަށް ދާނަމަ، ފުލުހުން ނުކުމެ އެމީހުން ހިފާ ހައްޔަރުކޮށް ޖަލަށްލާން ވީތޯ؟ މިނިވަން މުޖުތަމައުއެއްގައި އެކަމެއް އެގޮތަކަށް ނުކުރެވޭ،" އިމްރާން ހާން ޖަވާބު ދެއްވީ އެގޮތަށެވެ.

ޕާކިސްތާނެކޭ އެއްފަދައިން ގިނަ މުސްލިމު ގައުމުތަކުގައި ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއެކު، ރޯދައިގެ ސަގާފަތްތަކާއި އާދަކާދަތަކަށް ޖާގަ ދޭން ވަނީ ދަތިވެފަ އެވެ.

ލޮކްޑައުންކޮށް، ކާފިއު ހިންގާފައިވާ ލެބަނަން އާއި ސީރިއާ، އިރާގު އަދި މިސްރުގައި ވެސް ހާރު ކެއުމާއި ރޯދަ ވީއްލުމަށް ހާއްސަ ލުއިތަކެއް ދޭން ވަނީ މަޖުބޫރުވެފަ އެވެ. އެގޮތުން، އިރުއޮއްސޭ ވަގުތުން ފެށިގެން، ބައިގަޑިއިރާއި އެއް ގަޑިއިރަށް ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ކާފިއުއަށް ލުއިތަކެއް ދީ އެކަން އިއުލާނު ކޮށްފަ އެވެ. ނަމަވެސް، ރޯދައާ ދިމާކޮށް ގިނަ ބައަކު އެމީހުންގެ އާއިލާތައް ކައިރިއަށް އާއްމުކޮށް ދާއިރު، ގިނަ ގައުމުތަކުން ވަނީ މީހުން އެއްތަނުން އަނެއްތަނަށް ދިއުމުގެ ހުއްދަ ނުދެވޭނެ ކަމަށް ބުނެފަ އެވެ.

އެކަމަކު ސީރިއާގައި، މިހަފްތާގެ ތެރޭގައި ވަނީ އެހެން ޕްރޮވިންސްތަކަށް ދިއުމުގެ ފުރުސަތު ދެ ދުވަހުގެ މުއްދަތަށް ހުޅުވާލައިފަ އެވެ.

މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގައި ފިތުރު އީދުގައި ސަރުކާރުގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިން، ފިތުރު އީދަށް އެމީހުންގެ ގެއަށްނުދެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން މިހާރު ވެސް ވަނީ އަންގައިފަ އެވެ. މިސްކިތްތައް ބަންދު ކުރުމުން، އެ ތަންތަނުގައި ހާއްސަކޮށް ފަގީރުންނަށް ރޯދަ ވީއްލުމާއި ހާރުކެއުން ފަދަ ކަންކަން އިންތިޒާމު ނުކުރުމަށް އެކި ގައުމުތަކުން ވަނީ އަންގައިފަ އެވެ.

މިސްރުގެ ސަރުކާރުން ވެސް ވަނީ ގިނަ ބައަކު އެއްވެގެން ރޯދަ ވީއްލުމާއި ހާރުކެއުމާއި، އަދި ފަގީރުންނަށް ކާބޯތަކެތި ބެހުން ފަދަ ހަރަކާތްތައް މަނާ ކޮށްފަ އެވެ. މެލޭޝިއާ އާއި ބްރޫނާއީ އަދި ސިންގަޕޫރުގައި ވެސް ކާބޯތަކެއްޗާއި އަންނައުނު ވިއްކާ މަގުމަތީ ބާޒާރުތައް ނުބޭއްވުމަށް ވަނީ އަންގައިފަ އެވެ.

ރޯދަ މަހަކީ އާއްމުކޮށް، ކާބޯތަކެތި އިތުރަށް ބޭނުންވާ މަހަކަށް ވާއިރު، ލޮކްޑައުންތަކާ ގުޅިގެން ކާބޯތަކެތި ގުދަން ކުރުމާއެކު، މުސްލިމު ގައުމުތަކުގައި ކާބޯތަކެތީ ދަތިކަމެއް އައުމުގެ ބިރު މިހާރު ވެސް ވަނީ ހީވާން ފަށައިފަ އެވެ.

މިފަދަ ބޮޑެތި ލިމިޓުތަކާއެކު، މިއަހަރުގެ ރޯދަ މަހުގެ އާދަކާދަތަކާއި، ސަގާފަތްތަކުގެ އިތުރުން އަޅުކަމުގެ ކަންކަމުގައި ވެސް ޓެކްނޮލޮޖީގެ އެހީ ހޯދަން ގިނަ ގައުމުތަކުގެ މުސްލިމުންނަށް ވަނީ މަޖުބޫރުވެފަ އެވެ.

އިނގިރޭސި ވިލާތުގައި ނަމާދު ގަޑިތަކާއި ދީނީ ދަރުސްތައް ވެސް ލައިވްކޮށް ސްޓްރީމް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ ވެސް އިރުޝާދު ދީފައިވާ ގޮތަށް، ޒަކާތް ދިނުމާއި ފަގީރުންނަށް އެހީވުމުގެ އިންތިޒާމުތައް ވެސް، ގޭގައި ތިބެގެން އޮންލައިންކޮށް ކުރެވޭ ގޮތަށް ގިނަ ގައުމުތަކުން މިހާރު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް، މުޅި އާއިލާ އެކުގައި ރޯދަ ވީއްލޭނެ އުސޫލެއް ޔޫކޭގެ މުސްލިމުންގެ ޖަމިއްޔާއިން ވަނީ މިހާރު އާއްމު ކޮށްފަ އެވެ.

ދަތިތަކާއި، ބިރުވެރިކަމާއި ނާމާންކަމާއެކު މުސްލިމުން މި އަހަރުގެ ރޯދަ މަހާ ކުރިމަތިލާން ޖެހިފައި ވީ ނަމަވެސް ބަރަކާތްތެރި މި މައްސަރުގެ ރުކުންތަކަށް ބަދަލެއް ނާދެ އެވެ. މިސްކިތަށް ނުދެވުނަސް ނަމާދު ކުރެވޭނެ އެވެ. ފަގީރުންނަށް އެހީވެވޭނެ ގޮތްތައް ވެސް ބައިވަރެވެ. އާއިލާއާ ދުރުގައި ތިބެގެން ވިޔަސް، އެކުގައި ވަގުތު ހޭދަ ކުރެވޭނެ އެވެ. ކާބޯތަކެތި ހޯދަން އުނދަގޫ ވެގެން ނަމަވެސް، އިސްރާފު ކުޑަ ކުރަން ދަސް ކުރެވޭނެ އެވެ.

ކޮވިޑް-19 އާއެކު މުޅި އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައި ވަނީ ހިތަށް ގެންނަން ވެސް ނޭނގޭފަދަ ތަފާތު އިމްތިހާނެކެވެ.