ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އިސްލާމީ އުއްމަތަށް ޕާކިސްތާނުން ރީތި މިސާލެއް

Apr 7, 2020
10

ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ގިނަ ގައުމުތަކެއް ލޮކްޑައުންކޮށް ކާފިއު އިއުލާނު ކުރުމާއެކު، ރައްޔިތުން ދުއްވައިގަތީ، ފިހާރަތަކަށެވެ. އެތައް މަސް ދުވަހަށް ބޭނުންވާ ވަރަށް ކާބޯތަކެތި ގަނެ، ގުދަން ކުރުމުގެ އަޒުމެއްގަ އެވެ.

އެފަދަ ރޭހެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ކޮޅުކޮޅަށް ދުވިއިރު، ޕާކިސްތާނުގެ ކަރާޗީ ފަދަ ސިޓީތަކުގައި ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ. ކާބޯތަކެތި ގަނެގެން، އަވަސް އަރުވާލާފައި، ވައިރަހުގެ ބިރަށް ގެއަށް މިސްރާބު ޖެހުމުގެ ބަދަލުގައި، ފިހާރަތަކުން ނުކުންނަ، ގިނަ މީހުން ފިހާރައިން ބޭރުގައި މަޑުކޮށްލަ އެވެ.

އެތަންތަނުގެ ބޭރުގައި މަޑުކޮށްގެން ތިބޭ ފަގީރުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. އެއްވެސް ގޮތެއްނެތި، މާޔޫސްވެފައި ތިބި މީހުނަށް ކާ އެއްޗެއް އެއް ބައަކު ދިއްކޮށްލާއިރު، އަނެއް ބައަކު ފައިސާ ދޭ މަންޒަރު ވެސް ފެނިގެންދެ އެވެ. އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލާ ކޮންމެ މީހަކު ވެސް ބަދަލުގައި އެދެނީ އެންމެ އެދުމެކެވެ. މި ބަލާއާފާތުން ސަލާމާތްވޭތޯ ﷲ ގެ ހަޒުރަތުގައި ދުއާކޮށްދިނުމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއް ފަދައިން، ވައިރަސް ފެތުރުން ހުއްޓުވުމަށް ޕާކިސްތާނުގައި ވެސް ވަނީ ވަރުގަދަ ފިވަޅުތަކެއް އަޅައިފަ އެވެ. ކާބޯތަކެއްޗާއި ބޭސް ފިހާރަތަށް ފިޔަވައި، އެހެން ހުރިހާ ތަންތަނެއް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، އެހެން ގިނަ ގައުމުތަކާ ހިލާފަށް، ވިޔަފާރިތައް ބަންދުކުރުމުން އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ އަގު އެންމެ ބޮޑަށް އަދާކުރަންޖެހިފައިވާ އެއް ގައުމަކީ ޕާކިސްތާނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދާދި ފަހުން ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވި ގޮތުގައި، އެ ގައުމުގެ އާބާދީގެ 25 ޕަސަންޓް މީހުނަށް ދެ އިރު ކާނެ ގޮތެއް ނެތެވެ. ކޮވިޑް-19 އިގެ ބިރު ބޮޑު ނަމަވެސް، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރެވެން ނެތީ ގިނަ ބަޔަކު ބަޑަށް ޖެހިދާނެތީ ކަމަށް ވެސް، ޕާކިސްތާނުގެ ހާލަތު ސިފަކުރައްވަމުން އިމްރާން ހާން ވިދާޅުވެފައިވެ އެވެ.

"ސިޓީތައް ބަންދު ކޮށްފިނަމަ، އެއް ކޮޅުން ކޮރޯނާވައިރަހުން ރައްޔިތުން ސަލާމަތް ކުރެވޭނެ. އެކަމަކު އަނެއް ކޮޅުން، ރައްޔިތުން ބަނޑަށް މަރުވާނެ،" އިމްރާން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕާކިސްތާނުގައި އޮތީ އެމެރިކާ އާއި ޔޫރަޕުގައި އޮތް ފަދަ ހާލަތެއް ނޫނެވެ. ޕާކިސްތާނުގައި އޮތީ ފަގީރު ކަމެވެ. އާމްދަނީ ހޯދޭނެ ދޮރުތައް ބަންދުވެ، ބަނޑަށްޖެހިދާނެ ކަމުގެ ބިރެވެ.

ނަމަވެސް އެފަދަ ބަނަ އަދި މާޔޫސްކަމުގެ ތެރެއިން، އުއްމީދު އަލިކަން ދަނީ ފެންނަމުންނެވެ. އަމިއްލައަށް އިސް ނަގައިގެން، ޕާކިސްތާނުގެ ގިނަ ރައްޔިތުން ދަނީ އެއްބައިވަންތަކަމާއި ދީލަތިކަމުގެ މިސާލެއް ގާއިމު ކުރަމުންނެވެ. ޕާކިސްތާނު ރައްޔިތުންނަކީ ޒަމާނުއްސުރެ ޒަކާތުގެ ގޮތުގައި ކޮންމެ އަހަރަކު ގިނަ އަދަދެއް ފަގީރުންނަށް ހަދިޔާ ކުރަމުން އަންނަ ބައެކެވެ.

އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު، ޕާކިސްތާނުގެ ޖީޑީޕީގެ އެއް ޕަސަންޓް ޒަކާތުގެ ގޮތުގައި ހަދިޔާކުރެ އެވެ. މިއީ ޕާކިސްތަނަށް ވުރެ މާ ބޮޑުތަނުން މުއްސަނދި އިނގިރޭސި ވިލާތާއި ކެނެޑާ ފަދަ ގައުމުތަކާ އެއް ހަމަ އެވެ. ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުން، ޕާކިސްތާނުގައި 98 ޕަސަންޓް މީހުން ފަގީރުންނަށް އެހީވުމާއި ދަރުމަވެރިންގެ ގޮތުގައި ހިލޭ ސާބަހަށް މުޖުތަމައުއަށް ވަގުތު ހުސްކުރެ އެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، ޒަކާތުގެ ގޮތުގައި ކަނޑައަޅާފައިވާ 2.5 ޕަސަންޓަށް ވުރެ ބޮޑުތަނުން އިތުރަށް ގިނަ ބަޔަކު ދަނީ ފަގީރުންނަށް އެހީވަމުންނެވެ. އަދި ޒަކާތް ދައްކަން ނުޖެހޭ މީހުން ވެސް، އެ މީހުނަށް ލިބޭ މަދު އެތިކޮޅު ވެސް އެމީހުނަށް ވުރެ ނިކަމެތީންނަށް ހަދިޔާ ކުރަން ވަނީ ފަށައިފަ އެވެ.

އެފަދަ އެހީތައް އެއްކޮށްގެން، އެންމެ ފަގީރު އަވަށްތަކުގައި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގިނަ ޕްރޮގްރާމުތަކެއް މި ބަލާއާފާތުގެ ތެރެއިން ފެށިގެން ދަނީ ކުރެވެމުންނެވެ.

ވަޓްސް އެޕް ގައި ގުރޫޕުތައް ހަދައިގެން، އެހީތައް ހޯދުމުގެ މަސައްކަތް ވަނީ ފުޅާވެފަ އެވެ. އެކި ސަރަހައްދުތަކުން، މީހުން ދޭ އެހީ އެއްކުރުމަށް ހުޅުވަމުންދާ ގޭގެ ދޮރުތައް ވަނީ އިތުރުވެފަ އެވެ. މީހުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތަކާއި ތެޔޮ ފަދަ ތަކެތި އެއްކުރަނީ މީހުންގެ އަމިއްލަ ގޭގެ ތެރޭގަ އެވެ.

ވައިރަހުގެ ބިރަށް، ގޭ ތެރޭގެ މަސައްކަތުގައި ގެންގުޅޭ މީހުން މަސައްކަތަށް ނުދާން އެންގި ނަމަވެސް، އެ މީހުނަށް ބަރާބަރަށް މުސާރަ ދޭ ގޭބީސީތައް ގިނަ އެވެ. މިފަދަ ރީތި ނަމޫނާ ދައްކައި ދެނީ އަމިއްލަ ފަރުދުން އެކަންޏެއް ނޫނެވެ. އަމިއްލަ ކުންފުނިތަކުން ވެސް އެކަމުގައި ދަނީ ބައިވެރިވަމުންނެވެ. އޮފީސްތައް ބަންދުކުރުމުން، ހަރަދުގެ ގޮތުގައި ސަލާމަތްވާ އަދަދުގެ ބޮޑުބައެއް، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުނަށް އެ ކުންފުނިތަކުން ދަނީ ހަދިޔާ ކުރަމުންނެވެ.

މީހުން ދޭ އެހީތެރިކަން އިތުރުވުމުގެ ސަބަބުން، ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ޖަމާއަތްތަކުން، އެހީ ނެގުން މަޑުޖައްސާލަންޖެހޭ ހިސާބަށް މީހުންގެ ދީލަތިކަން ވަނީ އިތުރުވެފަ އެވެ.

މިއީ ޕާކިސްތާނުގެ ގިނަ ރައްޔިތުންގެ ވިސްނުމެވެ. އެ މީހުންގެ ގަބޫލުކުރުން ބިނާކޮށްފައިވާ އަސާސެވެ. އެ މީހުންގެ އުއްމީދަކީ، ކޮވިޑް-19 އަށް ވުރެ އަވަހަށް އެމީހުންގެ ދީލަތިކަން ފެތުރި، މި ބަލިމަޑުކަމުން އަވަހަށް އަރައިގަތުމެވެ.