ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކޮވިޑް-19 ނުފެތުރޭ ގައުމެއް އެބަ އޮތްތަ؟

Apr 9, 2020
2

މީގެ ގާތްގަނޑަކަށް ތިން މަސް ދުވަސް ކުރިން، ކޮވިޑް-19 ބަންދުވެފައި އޮތީ، ހަމައެކަނި ޗައިނާގެ ބޯޑަރުގެ ތެރޭގައި އެވެ. މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް، އެ ނުރައްކާތެރި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު، ޗައިނާގެ ބޭރުން ފެނިފައެއް ނުވެ އެވެ.

އެކަމަކު އޭގެ އެއް ދުވަސް ފަހުން، ކޮވިޑް-19، މުޅި ދުނިޔެ، ބަލާއާފާތެއްގެ ނުރައްކަލަށް ހުށަހެޅުނެވެ. އެ ވައިރަސް ޗައިނާއިން ބޭރުވެ، ތައިލަންޑު ޖަޕާނު އަދި ދެކުނު ކޮރެއާ އިން ފެނުމާއެކު، ކަފަ ދަނޑެއްގައި ރޯވި ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދިޔަ އެވެ.

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1.5 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރެއިން 90،000 އެއްހާ މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

ހޮސްޕިޓަލުތައް ފުރި ބަންޑުންލައިގެން، ގައުމުތައް ލޮކްޑައުންކޮށް ކާފިއު ހިންގާފައިވާއިރު، މި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން އުފެދޭ އެއް ސުވާލަކީ، މި ބަލާއާފާތުގެ އަސަރު ނުކުރާ، ސަލާމަތުން އޮތް ގައުމެއް އަދިވެސް އެބައޮތް ހެއްޔެވެ؟

މުޅި ދުނިޔެއަށް ބަލާއިރު، އދ.ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ތަފާތު 193 ގައުމެއް ހިމެނޭއިރު، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކޮވިޑް-19 ކޭހެއް އަދި ރިޕޯޓުކޮށްފައިނުވަނީ އެންމެ 18 ގައުމަކުންނެވެ.

ކޮވިޑް-19 އިގެ ކޭހެއް ނުފެންނަ ގައުމުތައް

ކޮމޮރޯސް، ކިރިބާސް، ލެސޯތޯ، މާޝަލް އައިލެންޑްސް، މައިކްރޮނީޝިއާ، ނައުރޫ، އުތުރު ކޮރެއާ، ޕަލާއު، ސަމޯއާ، ސައު ޓޯމޭ އެންޑް ޕްރިންސިޕޭ، ސޮލޮމޮން އައިލެންޑްސް، ދެކުނު ސޫދާން، ތަޖިކިސްތާނު، ޓޮންގާ، ތުރުކުމަނިސްތާނު، ޓުވާލޫ، ވަނުއާޓޫ އަދި ޔަމަން.

މި ގައުމުތަކުގެ ތެރޭގައި ކޮވިޑް-19 އާ ގުޅޭ ރަނގަޅު މައުލޫމާތު އާއްމުނުކުރާ ސަރުކާރުތައް ހިމެނޭކަމަށް ބައެއް މާހިރުން ދަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ސުވާލު އުފެދިފައިވާ ދެ ގައުމަކީ، އުތުރު ކޮރެއާގެ އިތުރުން ޔަމަނެވެ.

އެހެނަސް، ބޯޑަރު ހުރަސްކޮށް، ކޮވިޑް-19 އަދި ވަދެފައިނުވާ ގައުމުތައް ގިނަ އެވެ. އޭގެ ތެރޭގައި ގިނައީ، މުޅި ދުނިޔެއާ ވަރަށް ބޮޑަށް އެކަހެރިވެފައި އޮންނަ ކުދި ޖަޒީރާ ގައުމުތަކެވެ. އެގޮތުން، އެންމެ މަދުން މީހުން ޒިޔާރަތްކުރާ 10 ގައުމުގެ ތެރެއިން ހަތް ގައުމެއް މި ލިސްޓުގައި ހިމެނެ އެވެ.

ވައިރަސް ނެތަސް، ތައްޔާރީ ހާލަތުގައި

ޕެސިފިކް ކަނޑުގައި އޮންނަ ނައުރޫ އާ އެންމެ ގާތުން އޮންނަ ގައުމު އޮންނަނީ 200 ކިލޯމީޓަރު ދުރުގަ އެވެ. އަދި އެގައުމަށް ބޮޑެތި ސިޓީތަކުން ޑައިރެކްޓް ފްލައިޓުތައް އަންނަ ސިޓީތަކުގެ ތެރެއިން، އެންމެ ކައިރީގައި އޮތް އޮސްޓްރޭލިއާގެ ބްރިޒްބަން އޮތީ 2،500 ކިލޯމީޓަރު ދުރުގަ އެވެ.

އދ.ގެ މެންބަރު ގައުމުތަކުގެ ތެރެއިން ނައުރޫއަކީ ދެވަނަ އަށް އެންމެ ކުޑަ ދައުލަތެވެ. އަދި އެންމެ 10،000 ގެ އާބާދީއަކާއެކު، ދެވަނައަށް އެންމެ މީހުން މަދު ގައުމެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ނައުރޫއަށް މިދިޔަ އަހަރު ޒިޔާރަތްކޮށްފައިވަނީ އެންމެ 160 ޓޫރިސްޓުންނެވެ. އެގޮތުން، މުޅި ދުނިޔޭގައިވެސް އެންމެ މަދުން މީހުން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ނައުރޫ ހިމެނެ އެވެ.

ނަމަވެސް، ނައުރޫގައިވެސް ވަނީ ކޮވިޑް-19 އަތުވެދާނެކަމުގެ ބިރަށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ގިނަ ގައުމުތަކުން އަންނަ ފްލައިޓުތައް ހުއްޓާލާފައިވާއިރު، ބޭރުން އަންނަ އެ ގައުމުގެ ރައްޔިތުންވެސް 14 ދުވަހަށް ކަރަންޓީނުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެންމެ ހޮސްޕިޓަލަކާއެކު، ނައުރޫގެ ސިއްހީ ނިޒާމު ބަލިކަށިއިރު، ކޮވިޑް-19 ފަދަ ބައްޔެއް ފެތުރިގެން ހިނގައްޖެނަމަ، އިއާދަނުކުރެވޭފަދަ ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ގަބޫލުކޮށްގެންނެވެ.

ނައުރޫ އާއެކު ޕެސިފިކްގެ ޓޮންގާ، ކިރިބާސް އަދި ވަނުއާޓޫ ފަދަ ކުދި ގައުމުތަކުގެ ވިސްނުމަކީވެސް އެއީ އެވެ. އެ ގައުމުތަކުގެ ނަޒަރުގައި، ކޮވިޑް-19އަށް ވަދެވޭނެ ހަމައެކަނި ދޮރޯށްޓަކީ އެ ގައުމުތަކުގެ އެއާޕޯޓެވެ. އެހެންކަމުން، އެއާޕޯޓުތައް ބަންދުކޮށްގެން، މީހުން ސްކްރީންކުރުމުގެ މަސައްކަތަށް އެގައުމުތަކުގެ ހުރިހާ ވަސީލަތްތަކެއް ވަނީ އަނބުރާލައިފަ އެވެ.

އެހާ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި، ހޮސްޕިޓަލުތަކާއި ވެންޓިލޭޓަރު ފަދަ ސިއްހީ އާލާތްތައް މަދުއިރު، އެ ގައުމުތަކަށް ކުރިމަތިވެފައިވަނީ ތަފާތު ބިރުވެރިކަމެކެވެ.

އެހެން ގައުމުތަކާ ހިލާފަށް، ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ފެތުރިގެން ގޮސްފިނަމަ، މުޅި އާބާދީ އެކީގައި ފޮހެވިގެންދާނެކަމުގެ ބިރު އެގައުމުތަކަށް ނުހަނު ބޮޑެވެ.