ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިގުތިސޯދީ ހީނަރުކަން ފޫބައްދަން ސައުދީން ޓެކްސް ތިން ގުނަކޮށްފި

May 12, 2020

ރިޔާދު (މެއި 12) - ކޮވިޑް-19 އިގެ ސަބަބުން ސައުދީ އަރަބިއްޔާގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި މުދަލާއި ހިދުމަތްތަކުން ނަގާ ވެލިއު އެޑެޑް ޓެކްސް (ވެޓް) ތިން ގުނަ ބޮޑު ކޮށްފި އެވެ.

ތެލަށް ބަރޯސާ މިންވަރު ކުޑަ ކުރުމަށް ސައުދީ ސަރުކާރުން ވެޓް ތައާރަފު ކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. ސައުދީގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، ޖުލައި 1 ވަނަ ދުވަހުން ފެށިގެން ވެޓް ވަނީ ފަސް ޕަސަންޓުން 15 ޕަސަންޓަށް އިތުރު ކުރަން ނިންމައިފަ އެވެ.

ޓެކްސް ބޮޑު ކުރުމުގެ އިތުރުން، ދައުލަތުގެ މުވައްޒަފުންނަށް ދެމުންދާ 1،000 ރިޔާލުގެ އެލަވަންސް ވެސް އަންނަ މަހުން ފެށިގެން ކަނޑާލާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

ސައުދީގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުންތަކަކީ ވަރަށް ދަތި ނިންމުންތަކެއް ނަމަވެސް، ކައިރި މުސްތަގުބަލުގެ މާލީ އަދި އިގުތިސޯދީ ހަމަޖެހުމަށްޓަކައި މި ފިޔަވަޅުތައް އެޅުން ލާޒިމުވެފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށް ލޮކްޑައުން ކުރުމާއެކު، ދުނިޔޭގެ ތެލުގެ ޑިމާންޑު ވެއްޓިގެން ދިއުމުގެ އަސަރު ސައުދީގެ އިގުތިސޯދަށް ވެސް ވަނީ ވަރަށް ބޮޑަށްކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު، ހަރަދަށް ވުރެ އާމްދަނީ ދަށްވުމުގެ ސަބަބުން، ނުވަ ބިލިއަން އެމެރިކާގެ ޑޮލަރުގެ ޑެފިސިޓަކާ ސައުދީ ސަރުކާރަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.