ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

މަރުވުމުން ހައްޖު ފައިސާއަށް ގޮތް ނިންމާނީ ވާރިސުން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ފައިސާ ދައްކާފައި ވަނިކޮށް މަރު ވެއްޖެނަމަ، އެ ފައިސާއާ މެދު ގޮތް ނިންމާނީ ކޯޓު މެދުވެރިކޮށް ވާރިސުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު މިއަދު ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކާ މީހާ މަރުވާ ހާލަތު މަދުން ދިމާވާ ކަމަށާއި ހައްޖަށް ދާން ފައިސާ ދެއްކި ބަޔަކު ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ވެސް މަރުވެފައިވާ ކަމަށެވެ. އެކަމަކު އެ އަދަދު އެހާ ގިނަ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ފައިސާ ދައްކާފައިވާ މީހަކު މަރުވެއްޖެ ނަމަ ވާރުތަ މުދަލުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ވާރިސުންނަށް މައްސަލަ ހުށަަހެޅޭނެ ކަމަށް އިޝާރާތް ކުރައްވާ ހަމީދު ވިދާޅުވީ ވާރިސުން އެދޭ ނަމަ ފައިސާ އަނބުރާ ދޭނެ ކަމަށާއި ނުވަތަ ވާރިސުން ކަނޑައަޅާ މީހަކު ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

"ކޯޕަރޭޝަނުން އަމަލު ކުރާނީ ވާރިސުން ކޯޓުގައި އެދޭ ގޮތެއްގެ މަތިންނާއި ކޯޓުން އެ މައްސަލައެއްގައި އަމަލު ކުރަން އަންގާ ގޮތެއްގެ މައްޗަށް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖެގައި އާންމުކޮށް ހައްޖަށް ދާން ފައިސާ ދައްކަނީ ދޮށީ އުމުރުގެ މީހުން ކަމަށްވާތީ ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން މިދިޔަ އަހަރުތަކުގެ ތެރޭގައި ފައިސާ ދެއްކި މީހާ މަރުވެ، އެ މީހާ ދެއްކި ފައިސާއާ މެދު މަދުން ނަމަވެސް ގޮތްތަކެއް ނިންމަންޖެހުނު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު ކޯޓާ ނުލިބިގެން އެތައް ސަތޭކަ ބަޔަކު ހައްޖަށް ނުފުރި ކިއުގައި މަޑުކުރަން ވެސް ޖެހިފައި އެބަތިއްބެވެ. ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރާއި މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުނަށެވެ.