މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބެނީ 453 ކޯޓާ ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފި އެވެ. ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދޭނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ.
ސައުދީ ސަރުކާރުން މިހާރު ވަނީ މި އަހަރު ހައްޖު މޫސުމުގައި ގައުމުތަކަށް ކޯޓާ ދޭ އަދަދު ހާމަކޮށްފައެވެ. ރާއްޖެ އަށް ލިބެނީ 453 މީހުންނަށް ހައްޖުވުމުގެ ފުރުސަތެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ މަދުން ކޯޓާ ލިބޭ ފަހަރެވެ.
އެންމެ ގިނަ ބަޔަކަށް ފުރުސަތު ލިބެނީ މުސްލިމުންގެ ވަރަށް ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާއަށެވެ. އެ ގައުމުން ލައްކައަށް ވުރެ ގިނަ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާގެ މަދުވިނަމަވެސް އިތުރު ކޯޓާ ލިބޭތޯ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.
ސައޫދީގައި ހައްޖު އިންތިޒާމްކުރާ އިދާރާތަކުން ބުނާ ގޮތުން އެއްމިލިއަން ހައްޖުވެރިންނަށް މިއަހަރު ފުރުސަތު ދިން ނަމަވެސް، އެކަން ހިނގައި ދާނީ އެގައުމަކަށް ކޯޓާ ދޫކޮށްފައި އޮންނަ އުސޫލުން އެ ތަރުތީބުންނެވެ.
ސައޫދީއަށް އެންމެ މުހިންމީ ހައްޖުވެރިން ދުޅަހެޔޮ ކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުން ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ. އެހެންކަމުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުގެ މުހިންމުކަން ވަނީ ހަނދާން ކޮށްދީފަ އެވެ. ހައްޖުންވެރިން ވާން ޖެހޭނީ 65 އަހަރު ނުފުރޭ މީހުންނަށް ކަމަށާއި ސައޫދީން ގަބޫލުކުރާ މިންގަނޑަށް ކޮވިޑް ވެކްސިން ފުރަހަމަ ކުރަން ޖެހޭނެ ކަަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސައޫދީ ހެލްތު މިނިސްޓްރީން ބުނީ ކޮންމެ ހައްޖުވެރިއެއްގެ އަތުގައި 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ވާނެ ކަމަށެވެ. ބޭނުމެއް ކަމަށް ބުނީ އެއީ ހައްޖުވެރިންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.