ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ކޮވިޝީލްޑް ޖަހައިގެން އުމުރާއަށް ދެވޭނެ: ޒާހިރު

ކޮވިޑް ބައްޔަށް ދޭ ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކޮށްގެން ތިބި ފަރާތްތަކަށް އުމްރާއަށް ދިއުމުގައި އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރު އުމްރާގެ އަޅުކަމަށް ސައުދީން އެހެން ގައުމުތަކުގެ މީހުނަށް ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. އުމްރާއަށް ދާއިރުގައި ކޮވިޑް ވެކްސިންގެ ވަކި ވައްތަރެއްގެ ވެކްސިންތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ އިދާރާއިން ވަނީ ބުނެފަ އެވެ.

އުމްރާއަށް ދާން ފުރިހަމަ ކުރަން ޖެހޭ ވެކްސިންތަކުގެ ލިސްޓެއް ސައުދީން އާންމު ކޮށްފައި ވާއިރު، އޭގެ ތެރޭގައި "ކޮވިޝީލްޑް" ނުހިމެނެ އެވެ. ރާއްޖޭގެ ގިނަ ރަށްޔިތުން ޖަހާފައި ވަނީ އެ ވެކްސިނެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ.

އަވަސް އިން އެކަމާ ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން އާންމު ކޮށްފައިވާ ލިސްޓުގައި ކޮވިޝީލްޑް ނެތް ނަމަވެސް އެ ވެކްސިން ފުރިހަމަ ކޮށްގެން ތިބި ދިވެހިންނަށް އުމްރާއަށް ދެވޭނެ ކަމަށެވެ. އެއީ ސައުދީގެ ހައްޖާއި އުމްރާއި ބެހޭ މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން އެ ގައުމަކުން ބަލައިގަން ވެކްސިނެއް ސައުދީން ވެސް ބަލައިގަންނާނެ އެވެ.

"ރާއްޖޭގެ ސަރުކާރުން ކޮވިޝީލްޑް ބަލައިގަނޭ، ސައުދީގެ ގަވައިދުތައް ބުނާ ގޮތުން ނަމަ އެ ގައުމުން ވެސް ބަލައިގަންނާނެ. ކޮވިޝީލްޑް އަކީ މިހާރު ގިނަ ގައުމުތަކުން ބަލައިގަންނަ ވެކްސިނެއް. ޑަބްލިއުއެޗްއޯއިން ވެސް ބަލައިގެންފައި ވަނީ" އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޝީލްޑް ޖަހައިގެން ތިބި ދިވެހިންނަށް އަންނަ އަހަރު އުމްރާއަށް ދިއުމުގައި އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށާއި މި މައްސަލައާ ގުޅޭ ގޮތުން އަންނަ އާދީއްތަ ދުވަހު ސަރުކާރު ހުޅުވުމުން ސައުދީ އެމްބަސީއާްއެކު މަޝްވަރާ ކޮށް، ހުރިހާ ކަމެއް ކަށަވަރު ކުރާނެ ކަމަށެވެ.

ޕާކިސްތާނާއި އިންޑޮނޭޝިއާ އާއި މިސްރާއި ތުރުކީ އާއި އާޖެންޓީނާ އާއި ބްރެޒިލާއި ސައުތު އެފްރިކާ އަދި ލުބުނާން ފިޔަވާ އެހެން ގައުމުތަކަށް އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސީދާ ސައުދީއަށް ދަތުރު ކުރެވޭނެ އެވެ. އެ ނުވަ ގައުމުން ދަތުރުކުރާ ފަރާތްތަށް ސައުދީއަށް ދިއުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެ އެވެ.