ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހަތަރު ދިވެއްސަކަށް މި އަހަރު ފުރުސަތު ލިބިއްޖެ އެވެ.
ފުރުސަތު ލިބުނު ދިވެހިންގެ ތެރޭގައި ހިމެނެނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެޝިއާ ޑިރެކްޓަރުގެ ގޮތުގައި ރާއްޖޭގެ ފަރާތުން ހުންނެވި އަހުމަދު ސަރީރާއި އިތުރު ތިން ދިވެއްސެކެވެ. ދެން ހިމެނެނީ ސައުދީގެ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލުންނެވެ.
ހައްޖުގެ އަޅުކަމުގައި އުޅުއްވަމުން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ސަރީރު ވިދާޅުވީ ހައްޖުގެ އަޅުކަން އަދާ ކުރަން ފުރުސަތު ލިބުނު މަދު ދިވެހިންގެ ތެރޭގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރު ވެސް ހައްޖުވާން ސައުދީއަށް އެތެރުވާން އެއްވެސް މީހަކަށް ފުރުސަތު ދީފައެއް ނުވެ އެވެ. މިއަހަރާއި މިދިޔަ އަހަރުވެސް ހައްޖުވުމަށް ފުރުސަތު ދީފައިވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި އެކި ބޭނުންތަކުގައި އެ ގައުމުގައި ދިރިއުޅޭ ބޭރު ރައްޔިތުންނަށެވެ.
މިދިޔަ އަހަރު ހައްޖުވުމަށް ފުރުސަތު ދީފައިވަނީ 1،000 މީހަކަށެވެ. އޭގެ ތެރޭގައި ފަސް ދިވެއްސަކު ހިމެނުނެވެ. މިއަހަރު ފުރުސަތު ލިބުނު މީހުންގެ ތެރޭގައި 150 ގައުމެއްގެ މީހުން ހިމެނެ އެވެ. ހައްޖުވުމަށް ފުރުސަތު ދީފައިވަނީ އުމުރުން 18 އަހަރާއި 61 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުނަށެވެ.