ސިވިލް ކޯޓް

އެރިޔަދޫ ވިއްކާލުން މަޑުޖައްސާލުމަށް އަމުރުކޮށްފި

Jul 19, 2021

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވިއްކާލުމަށް އިއުލާންކޮށްފައިވާ އެރިޔަދޫ އައިލެންޑް ރިސޯޓް ވިއްކުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓުން އިއްޔެ މިފަދަ އަމުރެއް ނެރެފައި މިވަނީ އެރިޔަދޫ ރަހުނުކުރުމަށްފަހު ކްރިސްޓަލް ލެގޫން ރިސޯޓު ކުންފުނިން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ އެސްބީއައި އިން އެރިޔަދޫ ވިއްކާލުމަށް އިއުލާން ކުރުމާ އެކު އެ ލޯނަށް ގެރެންޓީ ދިން ފަރާތެއް ކަމުގައިވާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޕްލެޓިނަމް ކުންފުނިން ކޯޓުގައި އެދިފައިވަނީ އެރިޔަދޫ ވިއްކޭނީ ރަހުނު ކުރާ މުދާ ވިއްކުމާ ގުޅޭގޮތުން ހައިކޯޓުގެ ކުރީގެ ނިންމުމެއްގައިވާ އުސޫލުން ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ. އެހެންވެ މައްސަލަ ނިމެންދެން އެރިޔަދޫ ވިއްކާލުން ހުއްޓުވައިދިނުމަށް ހުށަހަޅާފައިވެ އެވެ.

ޕްލެޓިނަމްގެ ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ ހުށަހަޅާފައިވާ މައްސަލާގައި ވަގުތީ އަމުރު ނެރުމަށް ބޭނުންވާ ކަންކަން ފުރިހަމަވާ ކަމަށެވެ. އެހެންވެ މައްސަލަ ނިންމާ ކޯޓުން ވަކި ގޮތެއް އަންގަންދެން ރިސޯޓު ވިއްކުން މަޑުޖައްސާލުމަށް އަމުރުކޮށްފައިވެ އެވެ.

ކްރިސްޓަލް ލެގޫން ކުންފުނިން އެސްބީއައި އިން ލޯން ނަގާފައިވަނީ 2006 އަދި 2008 ވަނަ އަހަރު އެވެ. އެ ދެ ލޯނުގެ ތެރެއިން އެއް ލޯނަށް 20 މިލިއަން ރުފިޔާ އަދި 2.8 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.

ލޯނަށް ފައިސާ ނުދެއްކުމުން 2015 ވަނަ އަހަރު ސިވިލް ކޯޓުން ކުރިން ވަނީ އެރިޔަދޫ ވިއްކާލުމުގެ ހުއްދަ އެސްބީއައި އަށް ދީފަ އެވެ.

ކޯޓުގެ ހުއްދައާއި އެކު އެސްބީއައި އިން މިދިޔަ ހަފްތާގައި އެރިޔަދޫ ނީލަމުގައި ވިއްކާލުމަށް އިއުލާން ކުރީ 28 މިލިއަން ޑޮލަރު އެއީ ނީލަން ފެށޭ އަގުގެ ގޮތުގަ އެވެ.