މަޝްހޫރު ވިޔަފާރި ކުންފުނި ތްރީއޭ ކޮމްޕެނީން ރިސޯޓެއް ހިންގަމުންދާ ށ. ދޮޅިޔަދޫ ރަހުނުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނެއް ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި އެެވެ.
ތްރީއޭ ކޮޕްމެނީ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާގެ އާއިލީ ކުންފުންޏެކެވެ.
ޒިޓާލީ ދޮޅިޔަދޫ ރިސޯޓުގެ ނަމުގައި ހިންގާ ރިސޯޓު ވިއްކާލުމަށް އެސްބީއައި އިން އެންމެ ފުރަތަމަ އިއުލާން ކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އެ ރިސޯޓު ވިއްކާލަން އިއުލާން ކުރީ 42 މިލިއަން ޑޮލަރު -- 659 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިހާރު ރިސޯޓް ވިއްކާލުމަށް އިއުލާންކޮށްފައިވަނީ 33 މިލިއަން ޑޮލަރު -- 508 މިލިއަން ރުފިޔާ އަށެވެ.
ސަތޭކަ އެނދުގެ ދޮޅިޔަދޫ ވިއްކާލުމުގެ މަސައްކަތް ފެށީ ހަމްޒާއާއި އާއިލާގެ ބައެއް މެންބަރުންނާއި ވީއޭ ކޮމްޕެނީން ގެރެންޓީ ދީގެން ދޮޅިޔަދޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ)އާއި އަދި އެސްބީއައި އިން ނަގާފައިވާ 11 މިލިއަން ޑޮލަރު -- 169 މިލިއަން ރުފިޔާ ނުދެއްކުމުންނެވެ.
ދޮޅިޔަދޫ ވިއްކާލުމުގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓުން ހުއްދަ ދިނީ 2015 ވަަނަ އަހަރު އެވެ. ތްރީއޭ ކުންފުނިން ހިންގަމުން ދިޔަ ކުޑަފުނަފަރު ވެސް މީގެކުރިން ވިއްކާލާފައިވެ އެވެ.
ދޮޅިޔަދޫ ވިއްކާލުމުގެ ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 5:00ގެ ނިޔަލަށެވެ.
ބީލަމުން ހޮވޭ ފަރާތަކަށް ތިން ފަހަރަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ. އެގޮތަށް ފައިސާ ދައްކަން ދޭ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ދޮޅިޔަދޫ ވިއްކާލާނެ އެވެ.