ލައިފްސްޓައިލް

ބިޒީކޮށް އުޅޭން ޖެހޭތީ ދަރިން ފޯނާ ހަވާލު ނުކުރޭ!

ކުޑަކުދިން ބޮޑާ ހާކަން ފެށީމަ އެންމެ ފުރަތަމަ ވެސް މައިންބަފައިންގެ ހިތަށް އަރަނީ އޭނާ ރުއްސަން ފޯނު ދޭށެވެ. ވަރަށް ތުއްތު އިރުއްސުރެ ކުދިންނަށް ފޯނު ދޭ މައިންބަފައިން ވަރަށް ގިނަ އެވެ. މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ނޭނގޭ ހާލުގަ އެވެ. ދަރިފުޅަށް ކާން ދެވެނީ ވެސް ފޯނު ދީގެނެވެ. ނުވަތަ އޭގެން އެއްޗެއް އަޅުވައިގެނެވެ. އަދި އެ ނޫން އިރުއިރު ވެސް ދަރިފުޅު ތަނެއްގައި މަޑުން ބައިންދަން ބޭނުންވީމަ ދެނީ ފޯނެވެ. ފޯނުގެ ގެއްލުން ކުޑަކުދިންނަށް އިންތިހާއަށް ބޮޑުކަން އެނގޭ ހާލުގައި ވެސް ބައެއް މައިންބަފައިންނަށް މިހާރު ފޯނު ދިނުން ނޫން ގޮތެއް ނޯންނަ ކަހަލަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކުޑަކުދިންގެ އަތަށް ފޯނު ދިނުމުން ނުވަތަ އެއަށް ބަލަހައްޓައިގެން ގިނަ ވަގުތު އިނުމުން އެކުދިންގެ ހަނދާން ބަލިވެ އަދި މި ނޫންވެސް އެކުދިންގެ ކިބައިގައި ގުދުރަތީ ގޮތުން އުފެދިފައި ހުރި ގިނަ ހުނަރުތަކެއް ތަރައްގީވުމަށް ހުރަސް އެޅެ އެވެ.

ކުޑައިރުއްސުރެ ފޯނު ދޭން އާދަވެފައިވާ ކުއްޖެއްގެ އަތުން ކުއްލިއަކަށް ފޯނު މުޅިން އަތުލަން ދަތިވެދާނެ އެވެ. އަދި ސްކްރީން ބަލާ ވަގުތު މަދުކުރުމުން އެކުދިން ރުޅިއައިސް ބޮޑާ ހާކާ ރޮއި ހަދާނެ އެވެ.

ފޯނުން ސިކުނޑިއަށް ލިބޭ ގެއްލުންތަކަކީ ކޮބާ؟

އެންމެ ބޮޑު ގެއްލުމަކީ ކުއްޖާ އެހެން ހުރިހާކަމަކަށް ޣާފިލުވެ އެކަމަށް ގެއްލިފައި އިނުމެވެ. މީހުން އުޅޭ ގޮތެއް ކުރާ ކަމެއް އަދި ދުނިޔޭގައިވާ އެއްވެސް ކަމެއް ނޭނގޭ ހާލުގައި އޭނާ އެތައް އިރަކު އިންނަ ކަމެވެ. ތުއްތުއިރުގެ ހަޔާތަކީ ކުއްޖާގެ ބްރެއިން ސެލްތައް އުފެދޭ ދުވަސްވަރެވެ. އަދި އޭނާގެ ހަނދާނުގެ ބައި ވަރުގަދަ ވަމުން އަންނަނީ ވެސް މި ދުވަސްވަރުއެވެ. އެހެންގޮތަކަށް ބުނާނަމަ ވިސްނާނެ ފުރުސަތު ނުލިބި ގިނަ ވަގުތު އެއް ކަމަކަށް ގެއްލިގެން އިންނަން ވެއްޖެނަމަ ސިކުނޑީގައި ކަންކަން ރައްކާކުރަން އުނދަގޫވާނެ އެވެ.

ކުޑަކުދިން އެކުދިންގެ މައިންބަފައިން ދައްކާ ވާހަކަތައް އަދި ޓީޗަރުން ބުނާ ވާހަކަތައް އަޑުނާހަނީ މިހެންވެ އެވެ. ފޯނަށް ގެއްލިގެން ގިނަ ވަގުތު އިނުމުން އެހެން މީހުން އެބުނާ އެއްޗެއް ސިކުނޑިއަށް ނަގައިގަންނަން އެކުދިންނަށް އުނދަގޫ ވަނީ އެވެ. މިއީ ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަރުހަލާއަށް އޮތް ބޮޑު ނުރައްކަލެކެވެ. އެންމެ ގިނަ އެއްޗެތި ދަސްކުރާ އުމުރުގައި އެންމެ ގިނަ ހުނަރުތައް ތަރައްގީވާ އުމުރުގައި ކުއްޖާގެ މުޅި ފޯކަސް ފޯނުގެ ސްކްރީނަށް ހުއްޓުމުން ދެން ވާނެ ގޮތް ވިސްނާލާށެވެ. ހަނދާން ވަރުގަދަ ކުރުމަށާއި ހުނަރުވެރިކަން އިތުރުކުރުމަށް އަދި ކުއްޖާ ވިސްނުން ތޫނުވުމަށް ބޭނުންވާ މުހިއްމު ބައިތަކުގެ މަސައްކަތް ހުންނާނީ މުޅިން ހުއްޓިފަ އެވެ. އެ ބައިތައް ތަރައްގީވެ ކުރިއަރާނެ ފުރުސަތެއް ނުލިބި އެވެ.

އަނެއްކޮޅުން ފޯނުގެ ސްކްރީނުން ބޭރުވާ ބްލޫ ރޭޑިއޭޝަންގެ ގެއްލުން އެނގޭ ހެއްޔެވެ؟ މި ރޭޑިއޭޝަނުން ގެއްލުން ވަނީ ހަމައެކަނި ލޮލަކަށް ނޫނެވެ. ސިކުނޑީގެ ސެލްތަކަށް ވެސް ގެއްލުން ލިބެ އެވެ. ބްލޫ ލައިޓްގެ ނޭދެވޭ އަސަރުތައް ހަނދާން ބެހެއްޓުމުގެ ކުޅަދާނަކަން ދަށްކޮށްލަ އެވެ. އަދި ޝޯޓް-ޓާމް މެމޮރީއަށް ހުރަސްއަޅައި ވަކި އެކްޓިވިޓީއަކަށް ފޯކަސްކޮށްގެން އިންނަން ކުދިންނަށް ދަތިވެ އެވެ.

މިސާލަކަށް ބޮޑު މީހަކުވެސް ރޭގަނޑު މާ ލަސް ގަޑިއެއްގައި ފޯނުގެ ބޭނުން މާ ގިނައިރު ކުރާނަމަ ސިކުނޑިއަށް ރޭގަނޑާއި ދުވާލު އޮޅުވާލާނެ އެވެ. އެއީ ދުވާލުގެ ވަގުތުކަމަށް ބުނެ ސިކުނޑިން ދޮގު މައުލޫމާތު ހަށިގަނޑަށް ފޯރުކޮށްދޭނެ އެވެ. މިގޮތަށް ސިކުނޑި މެސެޖު ފޮނުވުމާއެކު ރޭގަނޑު ނިދާގަޑީގައި ހަށިގަނޑުން ބޭރުވާ މެލަޓޮނިން ކިޔާ ސްލީޕް ހޯމޯނެއްގެ އުފެއްދުން ހުއްޓޭނެ އެވެ. އަހަރެމެންގެ ހަށިގަނޑު ނިދަން ތައްޔާރުކުރަނީ މެލަޓޮނިން އުފެދެން ފެށުމުންނެވެ. މެލަޓޮނިން އުފެއްދުން ހުއްޓޭ ހިސާބުން ހަށިގަނޑަށް ވަރުބަލިކަން އިހްސާސްވެ ނިދަން އުނދަގޫވާނެ އެވެ. ކިތަންމެ ވަރަކަށް ނިދަން އުޅުނަސް ދެނެއް ނުނިދޭނެ އެވެ. އޭގެ އަނެއް ދުވަހު ދެން އުޅެންޖެހޭނީ ނިދި ހަމަނުވުމުން ހަށިގަނޑަށް އެ ލިބޭ ކަންނެތްކަމާއި ވަރުބަލިކަމުގަ އެވެ.

ޑިޖިޓަލް އެމްނީޝިއާ އަކީ ވެސް ތުއްތުއިރު ފޯނު މާ ގިނައިން ބޭނުންކުރަން ދިނުމުން ކުދިންނަށް ދިމާވާ މައްސަލަ އެކެވެ. މިގޮތަށް ދިމާވުމުން އެމީހުންގެ ސިކުނޑީގައި ރައްކާކުރަން ބޭނުންވާ ގިނަ މައުލޫމާތުތަކެއް ގެންގުޅޭ ޑިވައިސް އާ ރައްކާކުރަން ހަވާލުކުރެ އެވެ. ސިކުނޑީގެ ފިގަރަލް މެމޮރީ ނުވަތަ ޝޭޕްސް އާއި ފިގާޒް ދެނެގަންނަ ބަޔަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ. އިމޭޖްތައް އަޕްލޯޑްކުރުމާއި އެނޫންވެސް އެކްޓިވިޓީތަކުގައި ފޯނަށް ގެއްލިގެން އުޅޭއިރު އެ ޑީޖިޓަލް ޑިވައިސްގެ ކުރަން ޖެހޭ ހުރިހާ ކަމެއް ކުއްޖާ ހަނދާނުގައި ރެކޯޑް ކުރާނެ އެވެ. ދުނިޔެވީ އެއްވެސް ކަމެއް ހަނދާނުގައި ބަހައްޓަން އުނދަގޫ ވަނީ މިހެންވެ އެވެ.

މި ކަމަށް އޮތް ހައްލަކީ ކޮބާ؟

މައިންބަފައިން އެ މީހުންގެ ދަރިންނަށް މޮބައިލް ފޯނު ނުވަތަ ޑިޖިޓަލް ޑިވައިސްތައް ކުޅެން ދޭން ޖެހޭނީ ވީހާވެސް މަދު ކޮށެވެ. ވަރަށް އެކުވެރި މާހައުލެއްގައި އެކުދިންގެ ޅަ ސިކުނޑިއަށް ވިސްނޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ފޯނުގެ ގެއްލުން ކުދިންނަށް ވިސްނައިދޭން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

އޮންލައިން ކްލާސްތަކާއި އެ ކްލާސްތަކުގައި ދޭ ފިލާވަޅުތައް ހަދަން ނޫން ގޮތަކަށް ޑިޖިޓަލް ޑިވައިސްތަކާ ވީވަރަކުން ކުދިން ދުރުހެލިކޮށް އެކުދިންނަށް ގޭގައި ފޫހިފިލުވަން ކުރެވިދާނެ އެހެން ކަންކަން ހަވާލު ކުރާށެވެ. އަދި ގޭތެރޭގައި މަސައްކަތްތަކުގައި އެކުދިން ބައިވެރިކުރާށެވެ.

ފޯނު ބޭނުންކުރާ މަދު ވަގުތުގައި ވެސް އެންޓި-ފެޓީގް އައިނު އަޅުވާށެވެ. ފޯނުގެ ނޫ އަލިން އެކުދިންގެ ލޮލަށް ލިބޭ ގެއްލުން ކުޑަ ކުރުމަށެވެ.

ފޯނުން ވާހަކަ ދައްކާއިރު ފޯނު ކަންފަތުގައި ޖެހުމުގެ ބަދަލުގައި ސްޕީކަރަށް ލައިގެން ވާޙަކަ ދައްކަން ހިތްވަރުދޭށެވެ. އަދި ނިދާ ގަޑި ކައިރިވާ ވަރަކަށް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި އެއްގޮތަކަށް ވެސް ބޭނުން ކުރިޔަ ނުދޭށެވެ.