ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް އަރައިގަނެ ޖަހައިގެންފައި އޮތް ބިމެއްގައި އައިސްކްރީމް ދެން ނުވިއްކާނެ ކަމަށް މަޝްހޫރު ބެން އެންޑް ޖެރީސް އައިސްކްރީމް ކުންފުނިން ބުނެފި އެވެ. ބެން އެންޑް ޖެރީސްއިން ބުނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްއަކީ ބައިނަލްއަގްވާމީ ގާނޫންތަކުން ފަލަސްތީނަށް ކަށަވަރު ކޮށްދީފައި ހުރި ބިންތަކެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ބެން އެންޑް ޖެރީސްއަކީ އެމެރިކާ ކުންފުންޏެވެ. ހުންނަނީ ވަމޮންޓް ސްޓޭޓްގަ އެވެ. އައިސްކްރީމް ކުންފުންޏެއް ގޮތުގައި މަސައްކަތް ފަށައިގަތީ މީގެ 43 އަހަރު ކުރިން، މޭ 5، 1978 ގައެވެ. ކުންުފުނީގެ އުފެއްދުންތަކުގެ ތެރޭގައި ތަފާތު ރަހަތަކުގެ އައިސްކްރީމް އާއި ޔޯގަޓާއި ކުކީޒް އަދި ޑޯނަޓް ފަދަ ފޮނިކާއެއްޗެހި ހިމެނެ އެވެ.
އިޒްރޭލުގައި ބެން އެންޑް ޖެރީސް ވިޔަފާރި ފަށައިގަތީ 1987 ގައެވެ. ބެން އެންޑް ޖެރީއަށް އިޒްރޭލުން ދޫކޮށްފައި އޮންނަ ވިޔަފާރި ހުއްދައިގެ ދަށުން އެގައުމުގައި ވިޔަފާރި ކުރަމުން ގެންދާތާ 34 އަހަރު ވެއްޖެ އެވެ. ބެން އެންޑް ޖެރީސްއިން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވެސް އައިސްކްރީމް ވިއްކާފައި ވަނީ އިޒްރޭލުން ދޫކުރި ހުއްދަ އަށެވެ.
އިޒްރޭލުން ފޭރިގެންފައި ހުރި ބިންތަކުގައި އައިސްކްރީމް ވިއްކުން ހުއްޓާލަން ގަސްދު ކުރާކަން އިއުލާން ކުރަމުން އެ ކުންފުނިން ބުނީ ކުންފުނި ހިންގަނީ ވަފާތެރި ސަޕޯޓަރުންގެ ތަރުހީބުގައި ކަމަށާއި އިޒްރޭލުން ހިފާފައި އޮތް ބިމެއްގައި ވިޔަފާރި ކުރަން އިޒްރޭލަށް ހުއްދަދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ބެން އެންޑް ޖެރީސްއިން ބުނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އައިސްކްރީމް ވިއްކުން ހުއްޓާލުމުން އެއީ އިޒްރޭލަށް ޕްރެޝަރަކަށް ވާނެ ކަމަށާއި އިޒްރޭލުން އިތުރު ބިންތައް ހިފަން ޖެހިލުން ވުމަކީ ވެސް އުންމީދެއް ކަމަށެވެ.
ބެން އެންޑް ޖެރީސްގެ މި ސާބިތު ކަމަށް ތަރުހީބު ދީ ސަޕޯޓަރުން ބުނަނީ އިޒްރޭލުން ފޭރިގެންފައި ހުރި ބިންތަކުގައި ވިޔަފާރިކުރާ އެހެން ކުންފުނިތަކުން ބެން އެންޑް ޖެރީސް މިސާލަކަށް ބަލަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވިދާޅުވީ ބެން އެންޑް ޖެރީސްގެ މި އިޚުތިޔާރަކީ އިޒްރޭލާ ދެކޮޅުވެރި އަމަލެއް ކަމަށާއި ބަދަލުގައި އިޒްރޭލުން ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ބެން އެންޑް ޖެރީސްއިން ބުނީ ވިޔަފާރި ހުއްޓާލާނީ ހުޅަނގު އައްސޭރިގަ އާއި އިރުމަތީ ގުދުސްގައި އެކަނި ކަމަށާއި އިޒްރޭލުގައި އަވަށްތަކުގައި އައިސް ކްރީމް އަދި ވެސް ވިއްކާނެ ކަމަށެވެ.