ރާއްޖެ ކުޅިވަރު

ކޯޗު ބެންޗުން ފޮނުވާލި މެޗުން މޮޅުވެ ނިއު އެއްވަނަ އަށް

ކޯޗު ނިކޮލާ ކަވަޒޮވިޗް ބެންޗުން ފޮނުވާލި މެޗުގައި ބީޖީ 4-1އިން ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނަ ނިއު އަލުން ހޯދައިފި އެވެ.

ލީގުގައި މިއަދު ހަވީރު ވެލެންސިއާ ބަލިކޮށް ޓީސީ އެއްވަނަ އަށް އެރުމުން އެ މަގާމު ހޯދަން ކުޅުނު ނިއު މެޗު ކާމިޔާބުކުރުމުން ވަނީ 26 ޕޮއިންޓް ހަމަކުރެވިފަ އެވެ. ޓީސީ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ނަމަވެސް ބީޖީ އޮތީ ހަ ވަނާގަ އެވެ. އެއީ ހަތް ވަނާގައިވާ ވެލެންސިއާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ފައިދާ ގޯލުގެ ތަފާތުންނެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ.

މިރޭގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެ ފަހުން ބީޖީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޕޭނުގެ ފޯވަޑް ޑޭވިޑް ކަރްމޯނާ އެވެ. ނިއު އަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދިނީ ފަހު ހާފުގައި ކެޕްޓަން އައްސަދު އަލީ (އަޑޭ) އެވެ. ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ފަހު ލަނޑު ވެސް ކާމިޔާބުކޮށްދިން މިޑްފީލްޑަރު ވިލިއަމް މަކޯ އެވެ.

ނިއުގެ ކޯޗު ސާބިއާގެ ނިކޮލާ ބެންޗުން ފޮނުވާލީ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ރެފްރީ އަށް ބޭއަދަބީކޮށް މުހާތަބް ކުރުމުންނެވެ. ދެ ހަފުތާގެ ޗުއްޓީއެއްގައި އަމިއްލަ ގައުމަށްދިއުމަށް ފަހު މިއަދު މެންދުރު އެނބުރި އައި ކޯޗު ރުޅި އައީ ނިއުގެ ވިލިއަމް މަކޯ އަށް ބީޖީ ކުޅުންތެރިން ފައުލްކުރުމުން ހިލޭ ޖެހުން ނުދިނުމުންނެވެ.

މެޗަށް ފަހު ޕްރެސް ކޮންފަރެންސްގައި ބައިވެރިވީ ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. އޭނާ ބުނީ ކުޅުމާމެދު ވެސް ހިތްހަމަޖެހޭ ކަމަށާއި ނިއުގެ ޕްލޭނާއެއްގޮތަށް ކުޅެ ނަތީޖާ ނެރެވުނު ކަމަށެވެ.

ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސްކުރެވުނު ކަމަށާއި އެހެންވަނީ ލީގުގެ ޝެޑިއުލް ހުރިހާ ޓީމަކަށް ހަމަހަމަވާގޮތަށް ރާވާފައި ނެތުމުން ކަމަށެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ މާޒިޔާ އާއި މަހިބަދޫ އެވެ. މާދަމާ ރޭ ކުޅޭނީ ވިކްޓަރީ އާއި އީގަލްސް އެވެ.