ރާއްޖެ ކުޅިވަރު

ބީޖީގައި ނިއު ހިފަހައްޓާލެވޭނެ ބުންވަރެއް ނެތް: ޝާޒްލީ

ބީޖީގައި ނިއު ރޭޑިއަންޓް ހިފަހައްޓާލެވޭނެހާ ބުންވަރު ނެތް ކަމަށް ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފި އެވެ.

އޭނާ މިހެން ބުނީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ނިއު އަތުން ބީޖީ 4-1އިން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. ދެ ޓީމު ހަމަހަމަވެފައި އޮއްވައި މި މެޗުގައި ނިއުގެ ފަހު ތިން ލަނޑު ޖެހީ އެންމެ ފަހު 18 މިނިޓްގެ ތެރޭގަ އެވެ.

"ނިއު އަށް ވެސް އެބައެނގޭ މިހެންވާނެކަން. ބީޖީގެ ކުޅުންތެރިން ސްޓެމިނާ ދަށްވާނެކަން. އެހެންވީމަ އެމީހުން އޭގެ އެޑްވާންޓޭޖްނެގީ. ހަގީގަތުގައި ބީޖީގައި ނެތް ނިއު ހިފަހައްޓާލެވޭނެވަރެއް. ނިއުގައި އެތިބީ ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިން. އެތަން މިދެއްކީ،" ތާވަލުގެ ހަ ވަނާގައި އޮތް ބީޖީގެ ކޯޗު ޝާޒްލީ ބުންޏެވެ.

ނިއު އަކީ ލީގުގެ އެއްވަނާގައި އޮތް ޓީމެވެ. ނަމަވެސް ޝާޒްލީ ބުނީ ބީޖީ ކޮޅަށް ނިއު އަށް ހަތަރު ލަނޑު ޖެހޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

"އެކަމަކު ކޮންޕެޓިޓިވްކޮށް ވާދަކުރެވޭނީ ޝެޑިއުލް ވެސް ހަމަހަމައަށް އޮވެގެން. މި މެޗަށް ތައްޔާރުވާން ނިއު އަށް ލިބުނު ދެ ހަފުތާގެ ރެސްޓް. ބީޖީ މި ކުޅުނީ މިދިޔަ ފަސް ދުވަހުގެ ތެރޭގައި ދެ ވަނަ މެޗު. މެޗުތައް ކައިރިކިރީގައި ކުޅުމަކީ މައްސަލައެއްނޫން. އެކަމަކު ޝެޑިއުލް އެބަޖެހޭ މިއަށްވުރެ ފެއާވާން. އެހެންނޫނީ ވާދައެއް ނުކުރެވޭނެ. މިއީ ބަލިވީމަ ކޮންމެހެން ޖައްސާ މައްސަލައެއްނޫން. ތިކޮޅުން (ނޫސްވެރިން) ވެސް ވިސްނާލީމަ އެނގޭނެ ޝެޑިއުލް ފެއާވާން ޖެހޭނެކަން،" ޝާޒްލީ ބުންޏެވެ.

އޭނާ ބުނީ ތަފާތު ސަބަބުތަކާހެދި ލީގު އެކިފަހަރުތަކުގެ މަތިން މެދުކަނޑާލަން ޖެހިފައިވާއިރު މެޗުތައް ކުޅޭނެ ދުވަސް އެކަށީގެންވާ ވަގުތު އޮއްވައި ނޭނގޭ ކަމަށެވެ.

"ހޮނިހިރު ދުވަހު މެޗު ކުޅެންޖެހޭނަމަ ބުރާސްފަތި ދުވަހު ނޭނގެ މެޗު ކުޅޭކަން. ހުކުރު ދުވަހު މި އެނގެނީ މެޗު ކުޅޭކަން. މިއީ ބޮޑެތި މައްސަލަ. އެކަމަކު ސާފް ޗެމްޕިއަންޝިޕާ އެއްޗެހި ކުރިއަށް އޮތީ އަޅުގަނޑުމެން ވެސް މިކަމާ މައްސަލަޖައްސާކަށް ނެތިން. އެކަމަކު ވާދަކުރެވޭނީ މިކަންކަން ރަނގަޅު ވެގެން،" ޝާޒްލީ ބުންޏެވެ.

ލީގުގެ މެޗުތައް ކުޅެމުން އަންނަނީ މެދަށް ތިން ދުވަސް ހުސްކޮށް ދިނުމަށްޖެހު ޖެހިގެން އަންނަ ދެ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ. އެކަމަކު ވިކްޓަރީ އާއި މާޒިޔާ އަދި އީގަލްސް އާއި ބީޖީ ކުޅެން އޮތް މެޗު ލަސްކޮށް، އެ ދެ މެޗު އަލުން ޝެޑިއުލް ކުރަން ޖެހުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ސަބަބުން ފުޓްބޯޅަ މެޗުތައް ހުއްޓާލަން ކުޅިވަރާ ބެހޭ މިނިސްޓްރީން އެންގުމުންނެވެ.