ކުޅިވަރު

ހަ މަސް ފަހުން ކުޅުނު މެޗުގައި ތަރުތީބެއް ނެތް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫންގައި ފަށާ ގޮތަށް ބަދަލު ގެނައުމަށް އެފްއޭއެމުން ކުލަބުތަކުގެ ހިޔާލަށް ހުޅުވާލުމުން ލޯ މަރާލާފައި ކުލަބުތަކުން އެކަމަށް އާ ބަސް ބުނީ، އެކަމަށް އެކަށީގެންވާ ދިރާސާތަކެއް ކުރުމެއް ނެތީ އެވެ.. އެއީ ހަމަ ކުއްލިއަކަށް ގެނައި ބަދަލެކެވެ.

ފުޓްބޯޅައިގެ ޓެކްނިކަލް ބޮޑު ބަދަލެއް ގެންނައިރު އެކަން އެޕްލައި ކުރާނީ، އާންމު ގޮތެއްގައި ދެ އަހަރު ފަހުންނެވެ. މިއީ ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ބޮޑު ބަދަލެއް ގެންނަން ނަގަނީ ކުޑަ ވަގުތު ކޮޅެކެވެ. ވަގުތުން ވަގުތައް އެކަން ތަންފީޒު ކުރެ އެވެ. ސީޒަން ޖޫންގައި ފަށަން ނިންމުން އެއީ އެކަހަލަ ކަމެކެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ޗެރިޓީ ޝީލްޑްގެ ދެ ވަނަ ލެގު މެޗަކީ، ހަ މަސް ފަހުން ގަލޮޅު ދަނޑުގައި ކުޅުނު ކުލަބު ފުޓްބޯޅައިގެ ފުރަތަމަ މެޗެވެ. ފުރަތަމަ ލެގު މެޗުގައި ފޯކައިދޫގައި އެރަށު ރައްޔިތުން އެ ޓީމަށް ދިން ތަރުހީބާއެކު މުޅި ދަނޑުގެ އެމްބިއަން ސައުންޑުން އެއްގޮތް ކޮށްލި އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހަގީގީ ސަޕޯޓް އޮތީ މާލެއިން ބޭރުގައިކަން އަންގައި ދިނެވެ.

"އަށެއްކަ މަސް ފަހު އަނެއްކާވެސް ގަލޮޅު ދަނޑަށް އައުމުގެ ފުރުސަތު ލިބުނީމަ އަޅުގަނޑު ވަރަށް އުފާ ކޮށްފިން،" ވީ ޓީވީން ލައިވު ކުރި މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި ގުރީން ސުޓްރީޓްގެ ކޯޗް އަލީ ސުޒޭން ވާހަކަ ދެއްކި އެވެ. "ސީޒަން ބަދަލުވެގެން އައި ގޮތަށް ބަލާއިރު ރާއްޖޭގައި އަލަށް މިގޮތަށް ފުޓްބޯޅަ ސީޒަން ތަރުތީބު ކުރެވިގެން މިދިޔައީ، ދެން ދިޔަ ބައި އެދިޔައީ ދެން އޮތްބައި ރަނގަޅު ކުރީމަ ރަނގަޅު ވާނެ."

ހަ މަސް ފަހުން ކުޅުނު ފުރަތަމަ މެޗާ ކުރިމަތިލިއިރު، ރަނގަޅު ޕްރީ ސީޒަނެއް ހެދުނު ޓީމެއް ނެތެވެ. ޕްރީ ސީޒަންގެ ބޮޑު ބައެއް ރޯދަމާހާ ދިމާވި ކަމުން އެންމެ އެދެވޭ ގޮތުގައި ޓީމުތަކަށް ޕްރެކްޓިސް ކޮށް ނުލެވުނެވެ. ރޭ ގެ މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 މިނެޓް ކުޅެވުނު އިރު ކުޅުންތެރިން ތިބީ ވަރުބަލި ވެފަ އެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގައި އަބަދުހެން އޮންނަ ޝަކުވާ އެކެވެ.

"ޕްރީ ސީޒަންގެ އެންމެ މުހިންމު ވަގުތު މިދިޔައީ ރޯދަ މަހަށް، އެހެންވީމަ އެއްވެސް ޓީމަކަށް، އެންމެ ފުރިހަމަ ގޮތުގައި ތައްޔާރެއް ނުވެވޭނެ،" ސުޒޭން ބުންޏެވެ. "އާންމު ގޮތެއްގައި މިކަހަލަ ކަމެއް ތަރުތީބު ކުރާއިރު ޕްރީ ސީޒަން އެންމެ މުހިންމު މަސް ދުވަހަށް ވަދެގެން ދިއުމަކީ، އަޅުގަނޑުމެން ރާއްޖޭގައި މިކަން ކުރަން އުނދަގޫ ވާނެ ކަމެކޭ."

ސީޒަން ފެށިގެން އައިރު ފާހަގަ ކުރެވުނު ހަމައެކަނި އިޖާބީ ބަދަލަކީ ހޯމް އެންޑް އަވޭ އުސޫލުން މެޗު ކުޅެވުމެވެ. ހޯމް އެންޑް އަވޭ އުސޫލުން މެޗު ކުޅެވިގެން ދިއުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ތާރަފު ކުރަން ޖެހޭ ބަދަލެއް ކަމުގައި، ފުޓްބޯޅައިގެ އެކި ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މިއަދު އެބަދަލުގެ ޓެސްޓާއެކު ފުޓްބޯޅަ ސީޒަން ފެށިގެން ދިއުމަކީ ރަނގަޅު ފެށުމެކެވެ.

ސީޒަންގެ ފުރަތަމަ މުބާރާތް ދިވެހި ލީގާ ކުރިމަތި ލާއިރު، މިފަހަރު ބޮޑު ފަޅު ކަމެއް ކުރިމަތި ވާނެ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ނެތި ސީޒަން ފަށަން ޖެހުމެވެ. މިއީ 40 އަހަރަށް ފަހު ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތި ވާނެ ވަރަށް ބޮޑު ފަޅު ކަމެކެވެ. ރާއްޖޭގެ ފުޓްބޯޅަ އަހަރުން އަހަރަށް ފޯރި ކުޑަ ވަމުން ދާއިރު، ނިއު ރޭޑިއަންޓް ކަހަލަ ޓީމެއް ނެތުމަކީ އަދި ފަޅުކަން އިންތިހާއަށް އިތުރު ވާނެ ކަމެކެވެ. އާންމު ސަޕޯޓަރުން ދަނޑަށް ވެއްދޭ ހަމައެކަނި ކުލަބަކީ، ނިއު ރޭޑިއަންޓެވެ.