ނިއު ރޭޑިއަންޓްގެ މައްޗަށް، 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ތިން ވަނަ މަގާމު އީގަލްސްއިން ޔަގީން ކޮށްފި އެވެ.
މިއީ މި ސީޒަންގައި، ނިއު ރޭޑިއަންޓްގެ މައްޗަށް ޓީސީން ހޯދި ފުރަތަމަ މޮޅެވެ. އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް މެޗުން ބަލިވުމުން، އެ ޓީމުން މި އަހަރުގެ ލީގް ނިންމާލަން ޖެހޭނީ ހަތަރު ވަނައިގަ އެވެ. އީގަލްސް އާއި ނިއު އަށްވެސް ބާކީ މިހާރު އޮތީ އެންމެ މެޗެކެވެ. އީގަލްސް ޓީސީއާ ދެކޮޅަށް ކުޅޭއިރު މާޒިޔާ ނިކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ޓީސީ އަތުން އީގަލްސް ބަލިވެ، މާޒިޔާ އަތުން ނިއު މޮޅުވިޔަސް އެ ޓީމަށް ޕޮއިންޓްގެ ގޮތުން އީގަލްސްއާ އަރާ ހަމައެއް ނުކުރެވޭނެ އެވެ.
މިދިޔަ ހަފުތާގައި ގުރީން ސްޓްރީޓް އަތުން 5-1 ން ބަލިވެ، ނިއު އަށް ކުރިމަތިވީ ލަދުވެތި ނަތީޖާ އެކެވެ. އެ މެޗުގައި ނިއުގެ ފަރާތުން ފެނުނީ އާދަޔާ ހިލާފް ދަށް ކުޅުމެކެވެ. ނަމަވެސް މިރޭގެ މެޗުގައި ކުޅުން ރަނގަޅު ކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވެސް ކުރި އެވެ.
މެޗުގައި، އީގަލްސްގެ ފުރަތަމަ ލަނޑު އިތުބާރު ފޯވަޑް އަހްމަދު ރިޒްވާން 'ރިޒޭ' ކާމިޔާބު ކުރީ މެޗުގެ 37 ވަނަ މިނެޓްގަ އެވެ. އީގަލްސްގެ ދެ ވަނަ ލަނޑަކީ، އެ ޓީމުން ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ނިއުގެ އިމްރާން ނަޝީދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި އީގަލްސްއަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ، ހާއްސަކޮށް ދެ ވަނަ ހާފުގައި އެ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ނަމަވެސް އެ ޓީމަށް ލިބޭ ބޯޅަތައް އެންމެ ފަރުވާތެރި ކަމާއެކު ފޮނުވާނުލެވުނެވެ.
މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ނިއުގެ މުހައްމަދު އުމޭރުއަށެވެ. ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' ތަނަވަސް ކޮށްދިން ބޯޅަ އުމޭރު ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަދެވަދެއް އޮއްވައި އީގަލްސްގެ ސޫޖަން ޕެރޭރާ ވަނީ ވެއްޓިގެންފައި އަތުން ދިފާއު ކޮށް ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފަ އެވެ. އެވަގުތު ސޫޖަންއަށް އަނިޔާވުމުން ދަނޑުމަތީގައި އޭނާއަށް ފަރުވާ ދޭންވެސް ޖެހުނެވެ. ފުރަތަމަ ހާފުގައި ސެންޓޭއަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާއަށް އެ ބޯޅަ އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް 'މޯހަން' ބުނީ ނިއު ރޭޑިއަންޓް ބަލި ކުރެވުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމަށެވެ. އަދި ލީގްގެ އެންމެ ފަހު މެޗަށް ރަނގަޅަށް ތައްޔާރުވެ ސީޒަން އެންމެ ރަނގަޅަށް ނިންމާލުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ފާހަގަ ކުރި އެވެ.
ނިއުގެ ވަގުތީ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް 'ސޮބާ' ބުނީ ލަނޑެއް އެ ޓީމުގެ ފަރާތުން ލަނޑެއް ފެނުން ފިޔަވައި އެހެންކަންކަން މެޗުގައި ފެނުނީ ރަނގަޅަށް ކަަމަށެވެ.