ކުޅިވަރު

އީގަލްސް އަތުން ނިއު ރޭޑިއަންޓް ޕޮއިންޓަކުން ފުއްދާލައިފި

ދިވެހި ޕްރިމިއާ ލީގްގައި މިއަދު ކުޅުނު މެޗު 2-2 ން އެއްވަރުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް މޮޅުވިޔަ ނުދީ ކުލަބު އީގަލްސްއިން ހިފަހައްޓައިފި އެވެ.

މާލޭ ލީގް ފުރަތަމަ ބުރުގައިވެސް، އީގަލްސް ވަނީ ނިއު މޮޅުވިޔަ ނުދީ އެއްވަރު ކޮށްފަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް ނިއު ރޭޑިއަންޓުންނެވެ.

އެ ޓީމުގެ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބު ކުރީ، މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމަށް ގެނައި އަޓްހިރޭ ކިޕްސަން އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ނަގައިދިން ބޯޅަ ކިޕްސަން ފޮނުވާލުމުން އެ ބޯޅަ ގޯލަށް ވަނީ، އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި، އީގަލްސްއަށް އެ ޓީމުގެ ކުޅުން ދައްކާ ނުލެވުނެވެ. ނަމަވެސް ދެ ވަނަ ހާފަށް ނިކުމެ އީގަލްސްގެ ކުޅުން ރަނގަޅުކޮށް، ނިއުގެ ގޯލަށް ނުރައްކާ ކުރި އެވެ. އީގަލްސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށް ލީޑްވެސް ނާގަފަ އެވެ.

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 73 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޑެނިއަލް ޑިޒޯން އެވެ. އޭގެ ތިން މިނެޓް ފަހުން ލުއިޒް އެޑްއާޑޯ ވަނީ އީގަލްސްއަށް ލީޑް ނަގައިދިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އެޑްއާޑޯ އެވެ.

ލީޑް ނެގި ނަމަވެސް، އީގަލްސްއަށް ލީޑްގައި ހިފަހައްޓާ ނުލެވުނެވެ. މެޗުގެ 78 ވަނަ މިނެޓްގައި، ހަސަން އަދުހަމް ސަޑޭ ނަގައިދިން ބޯޅައިން ލަނޑު ކާމިޔާބު ކުރީ ކިޕްސަން އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެ ޓީމުގެ ކުޅުންތެރިންވެސް ތިބިއިރު، އެ ކުޅުންތެރިންނަށް ތިބެވުނީ ކިޕްސަން ރަނގަޅަށް މާކު ނުކޮށެވެ.

މެޗުގެ އެންމެ ފަހު ވަގުތުގައި، ނިއު އިން ވަނީ އީގަލްސްގެ ގޯލަށް ބޯޅައެއް ފޮނުވާލާފަ އެވެ. ނިއުގެ ކުޅުންތެރިން ސެލެބަރޭޓް ކުރިނަމަވެސް ލައިސްމަން ހުރީ ނިއުގެ ކުޅުންތެރިން އޮފްސައިޑް ވެފައިވާ ކަމަށް ދިދަ ނާގަފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ދެ ވަނަ ހާފުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އީގަލްސް އެންމެ ފަހުން މާޒިއާ އާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. ބޮޑެތި ޓީމުތައް އަތުން އެއްވަރު ވިޔަސް މޯހަން ހިތްހަމަ ޖެހެއެވެ.

"ކޮންމެ މެޗެއްގައިވެސް ލީޑް ލިބިފައި އަނެއްކާވެސް ބައިކޮޅާށް ލަނޑެއް ވަދެގެން ލީޑް ގެއްލެނީ، ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު،" މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "ފަހަތުން އަރާ ލީޑެއް އެބަނެގޭ، އެހެން ނަމަވެސް އޭގެފަހުން މިހެދޭ މިސްޓޭކަށް ރަނގަޅު ކޮށްލަން މިޖެހެނީ، ކިހިނެއްތޯ ބަލާފަ އެއަށް ޓެކްލްކޮށްގެން މި މަސައްކަތް ކުރަން ޖެހެނީ، ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަ ޖެހޭ."

"އެންމެ މުހިންމީ ތިން ޕޮއިންޓް ދެއްތޯ، އެހެން ނަމަވެސް، ގަދަ ޓީމުތަކާއެކީ ބަލިނުވެ ދިއުމަކީ އެމީހުންނަށްވެސް ގެއްލޭ އެއްޗެއް އެހެންވީމަ އެގޮތަށް ބަލައިފިއްޔާ ހަމަހަމަ ގޮތަކަށް މިދަނީ."

ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ، މިއަދު ފެނިގެން ދިޔައީ ނިއުގެ އެންމެ ރަނގަޅު މެޗު ކަމަށެވެ. އޭނާ ބުނީ މެޗަކީ މޮޅުވެގެން ނިންމާލެވޭނެ މެޗެއް ކަމަށެވެ. ނިއުގެ ފުރަތަމަ 11 އިން މީގެ ކުރިން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ޑިފެންޑަރު ސްޕެއިންގެ ހޯޖޭ ގޮޓާރ އަށް މިއަދުގެ މެޗުން ފުރުސަތު ދިފައެއް ނުވެ އެވެ. ޓީމުން އެންމެ ފަހުން ކުރި ޕްރެކްޓިސް ސެޝަންތަކުގައިވެސް އޭނާ ބައިވެރިވެފައެއް ނުވެ އެވެ.

އެކަމާ ބެހޭގޮތުން ބުރުޒޮން އާ ސުވާލު ކުރުމުން، އޭނާ ބުނީ އެކަމާ ގުޅޭގޮތުން މެނޭޖްމެންޓާ ސުވާލު ކުރުމަށެވެ.