ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި، ތިން ލަނޑުގެ ލީޑެއްގައި ވަނިކޮށް، މާޒިޔާއިން "މެޗު ފަސޭހަ" ކޮށްލުމުން، ދިވެހި ޕްރިމިއާ ލީގް ހޯދައި، ޓީސީން ދިވެހިރާއްޖެގެ ޗެމްޕިއަނުންގެ މަގާމު ހޯދައިފި އެވެ. މާޒިޔާ އާއި ނިއު ރޭޑިއަންޓްގެ މެޗު ނިމުނީ 4-4 ން އެއްވަރު ވެގެންނެވެ.
މި ކާމިޔާބީއަކީ، ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށިތާ ހަތަރު އަހަރު ވެފައިވާ ޓީސީން، ޑޮމެސްޓިކް ފުޓްބޯޅައިގައި ހޯދި އަލަތު ކާމިޔާބެވެ. ޓީސީ ލީގް ޗެމްޕިއަންކަން ހޯދީ، އެޓީމަށް މިރޭ އީގަލްސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗު އެއްވައެވެ.
ލީގް ފަހު ކޮޅަށް އެޅުނުއިރު، ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ޓީސީ އާއި މާޒިޔާއަށް ވެސް އޮތެވެ. މިދިޔަ އާދިއްތަ ދުވަހު ޓީސީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ކާމިޔާބު ކުރުމުން، ލީގް ފޯރި އިތުރަށް ގަދަވެގެން ދިޔަ އެވެ. މާޒިޔާ އާއި ޓީސީއަށްވެސް ލީގް ހޯދުމުގެ ފުރުސަތު އޮތް އިރު، މާޒިޔާއަށް ލީގް ލިބެން އޮތީ މިއަދު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މިރޭ އީގަލްސް އާއި ޓީސީ ކުޅޭ މެޗުން އީގަލްސް ވެސް މޮޅުވެގެންނެވެ.
މާޒިޔާއަށް ކޯޗް އިސްމާއީލް މަހްފޫޒް 'އިންމަ' ފާހަގަ ކުރާ ގޮތުން، އެޓީމަށް އެ ފުރުސަތުވެސް ގެއްލުނީ، "ފަސޭހަ ކޮށްލުމުން"ނެވެ. މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭގައި، މާޒިޔާއިން ތިން ލަނޑުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފުގެ ފަހު 10 މިނެޓާ ކުރިމަތިލިއިރު މެޗުގެ ޓެމްޕޯ މާޒިޔާ އަތުން ގެއްލުނެވެ. ފުރަތަމަ ހާފުގެ ފަހު 10 މިނެޓްތެރޭގައި ނިއު އިން ވަނީ ދެ ގޯލް ކާމިޔާބު ކޮށް މާޒިޔާ އަޑިއަށް ގަންބާލާފަ އެވެ.
ގާތްގަނޑަކަށް މެޗުގެ ފުރަތަމަ 15 ވަރަކަށް މިނެޓްތެރޭ، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ، ދެ ލަނޑު ޖަހައި ނިއުގެ ޓީމު ރޫޅާލާފަ އެވެ. މެޗުގެ 24 ވަނަ މިނެޓްގައި ކޯނޭލިއަސް ސްޓްވާޓް 'ކޯނޭ' އިތުރު ލަނޑެއް ކާމިޔާބު ކޮށް 25 މިނެޓް ވުމުގެ ކުރިން މާޒިޔާއަށް ތިން ލަނޑުގެ ލީޑެއް ނަގައިދިނެވެ. އެ ލީޑާއެކު މާޒިޔާއިން ފެނުނީ މެޗު މާބޮޑަށް ފަސޭހަ ކޮށްލި ތަނެވެ. އެންމެފަހުން މެޗުގެ ކޮންޓްރޯލް އަތުން ދޫވެ އަމިއްލައަށް ހެދުނު މިސްޓޭކްތަކުން ނަތީޖާ ފަރަގު ގެއްލުނެވެ.
ނިއުއިން ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސްވީ މާޒިޔާގެ ޑިފެންސަށް ހެދުނު އާދައިގެ މިސްޓޭކްތަކުންނެވެ. ނިއުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ތުރުކްމެނިސްތާންގެ އާމިރު ގުރުބާނީ އެވެ. ދެ ވަނަ ލަނޑު 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު 'ހަމްޕް' އެވެ.
ދެ ވަނަ ހާފުގައިވެސް މާޒިޔާއަށް ކުޅުން ރަނގަޅެއް ނުކުރެވުނެވެ، ދެ ވަނަ ހާފުގެ ކުރީ ކޮޅު ނިއު އިން މާޒިޔާއާ އަރާ ހަމަ ކުރި އެވެ. އެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާމިރު ގުރުބާނީ އެވެ.
ދެ ވަނަ ހާފުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އިސްމާއީލް އީސާ ކުޅެން އަރައި މާޒިޔާގެ އެޓޭކިންއަށް އިތުރު ބާރެއް ގެނެސްދިނެވެ. ނަތީޖާއަކަށްވީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އީސަ ލަނޑު ކާމިޔާބުކޮށް މާޒިޔާއަށް އަލުން ލީޑް ނަގައިދިނެވެ.
އޭގެ ފަހުން ނިއުއަށް ވަނީ ޕެނަލްޓީއެއް ލިބި އަލުން ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތު ލިބިފަ އެވެ. އަލީ ފާސިރު 'ސެންޓޭ' ޕެނަލްޓީ ފޮނުވާލީ ގޯލްގެ މެދަށްވާ ގޮތަށެވެ. އެ ބޯޅައަށް މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ޑައިވް ކުރި އެވެ. ނަމަވެސް ބޯޅަ މެދަށް ޖެހުމުން ބޯޅަ ކޮންޓްރޯލްވީ ހުސައިންގެ ފައިޖައިފަ އެވެ.
މެޗު އިތުރަށް ފޯރިގަދަވީ، ނިއުގެ ޒުވާން ފޯވަޑް އިބްރާހިމް އަތީގް ހަސަން، ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްދިން ހިސާބުންނެވެ. އޭނާ ނަތީޖާ ހަމަހަމަ ކުރީ 87 ވަނަ މިނެޓްގަ އެވެ. މެޗުގެ އިތުރު ވަގުތުގައި ފުލުފުލުގައި މާޒިޔާއިން ދެތިން ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ.
މާޒިޔާގެ ބެންޗުން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދިޔައިރު މާޒިޔާގެ ބެންޗުން އިތުރަށް ހޫނުވީ ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުންވެސް ރެފްރީ ޕެނަލްޓީއެއް ނުދިނުމުންނެވެ. މެޗުން ރެފްރީ ފައިބައިގެން ދިޔައިރު މާޒިޔާގެ އޮފިޝަލުން ވަނީ ރެފްރީއާ ދިމާކޮށްލާފަ އެވެ.
ޓީސީ އާއި އީގަލްސް ބައްދަު ކުރާ ލީގް އަދި މި ސީޒަންގެވެސް އެންމެ ފަހު މެޗު ފަށަނީ މިރޭ 9:00 ގަ އެވެ.