ދުނިޔެ

"މިއުޅެނީ އޭ380އިން ލިބުނު ގެއްލުން ތަކުން އަރައި ނުގަނެވިގެން"

ގަތަރު އެއާވޭސްއިން ކުރިން ބުނެފައި އޮތީ އެއާބަސް އޭ380 ބޯޓުތައް އޮޕަރޭޓްކުރާ އަދަދު މަދުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ބުނަނީ ބޯޓްތައް ބޭނުން ކުރުން މުޅިން ހުއްޓާލާނެ ކަމަށެވެ.

ގަތަރު އެއާވޭސްގައި އެއާބަސް އޭ380 ގެ 10 ބޯޓު އޮންނަ ކަމަށް ސީއީއޯ، އަކްބަރު ބާކިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭ380 ހުއްޓާލަން ކުރިން ވިސްނާފައި އޮތީ 2024 ގައި ކަމަށާއި އެކަމަކު މިހާރު ބޭނުންފުޅު ވަނީ އެންމެ އަވަހަކަށް ބޯޓުތަކުން ސަލާމަތް ވާން ކަމަށެވެ.

އަކްބަރު ބާކިރު ވިދާޅުވީ ގަތަރު އެއާވޭސްގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހަކީ އެއާބަސް އޭ380 ބޯޓުތައް ގަތުން ކަމަށާއި ކުންފުންޏަށް ގެއްލުންވާ ނަމަ ކަސްޓަމަރުންނަށް ވެސް ގެއްލުންވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އެންމެ ރަނގަޅު ވިޔަފާރި މޮޑެލްއަކީ ކުންފުންޏާއި ކަސްޓަމަރުންނަށް ވެސް ހީލާން ފުރުސަތު ލިބުމެވެ.

ސީއީއޯ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެންމެ ފުރަތަމަ އޭ380 ފެނިވަޑައިގެން ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެންނެވި ކަމަށާއި ގަތަރު އެއާވޭސް އަށް މުސްތަގުބަަލު އޮތީ އޭ380 ގައި ކަމަށް އެއިރު ހީފުޅު ކުރެއްވުނު ކަމަށެވެ.

"ހީކުރެވުނު ގޮތަކަށް ނޫން ކަންތައް ދިމާވީ،" ބާކިރު ވިދާޅުވި އެވެ. "ހަރަދު ވެސް އެހާ ބޮޑު. މެނޭޖް ކުރަން ދަތި. އޭ380 އަށް ވުރެ ކަމުނުދާ މަތިންދާބޯޓެއް ދުވަހަކު ވެސް ނުދެކެން" އޭނާ ވިދާޅުވި އެވެ.

ބާކިރު ވިދާޅުވީ އޭ380 ބޯޓްތަކަށް ވަރަށް ބޮޑަށް ހިތްދެވުނު ކަމަށާއި ބޯޓު އިތުރު ކުރަން ވެސް ވިސްނެވި ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓްތަކުން ސަލާމަތްވާން ހައްދަވާނެ ގޮތެއް މިވަގުތު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.