ދުނިޔެ

އެއާބަސް ދޫކޮށް ގަތަރު އެއާވޭސް ބޮއިންއަށް

ގަތަރު އެއާވޭސް އާއި އެމެރިކާގެ މަތިންދާބޯޓް އުފައްދާ ކުންފުނި ބޮއިން، 27 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ވައިޓް ހައުސްގަ އެވެ. ވަރަށް ކުއްލި ބައްދަލުވުމެއް ގޮތުގަ އެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ މިވަތު އުޅުއްވަނީ އެމެރިކާއަށް ކުރައްވާ ދަތުރެއްގަ އެވެ. ޚަބަރުތައް ބުނާ ގޮތުން އެއްބަސްވުމުގައި ސޮއިކުރުން އޮތީ އަމީރާއި ބައިޑަން ބައްދަލު ކުރެއްވުމުގެ ކުރިންނެވެ.

ޚަބަރުތައް ބުނާ ގޮތުން މިއީ ދެ ކުންފުނީގެ ދެމެދުގައި ކުރިއާލައި މަޝްވަރާ ކުރެވިފައި އޮތް އެއްބަސްވުމެކެވެ.

މި އެެއްބަސްވުމުގެ ދަށުން ބޮއިން 777އެކްސް މަރުކާގެ 50 މަތިންދާބޯޓް، ގަތަރު އެއާވޭސްއަށް ސަޕްލައި ކޮށްދޭން ބޮއިން ވަނީ އެއްބަސްވެފަ އެވެ.

ބޮއިން ބުނި ގޮތުން މިޑީލާއެކު ބޮއިންގެ އާ މޮޑެލްތައް އެންމެ ގިނައިން ބޭނުންުކުރާ އެއާލައިނަކަށް، ގަތަރު އެއާވޭސް ވާނެ އެވެ.

ގަތަރު އެއާވޭސްއިން ބުނީ ބޮއިން އިން ގަންނަ މަތިންދާބޯޓްތަކުގެ ތެރޭގައި ކާގޯ އުފުލާ މަތިންދާބޯޓާއި ޕަސެންޖަރު މަތިންދާބޯޓްތައް ހިމެނޭ ކަމަށެވެ. އަދި ބޮއިންއިން އުފައްދާ ޒަމާނީ ދުވެލިބާރު ބޮއިން 737 މެކްސް ޖެޓްތައް ވެސް ގަތަރު އެއާވޭސްގައި ބޭނުންކުރާނެ ކަމަށެވެ.

ގަތަރު އެއާވޭސްއިން ބޮއިންއާ އެކު މިވަރުގެ ވިޔަފާރި އެއްބަސްމުކަށް ދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެއާބަސްއަށް ގަތަރު އެއާވޭސްއިން މީގެކުރިން ކުރި އިތުބާރު ދޫކޮށްލައި، އެއާބަސްއިން ވަކި މަރުކާއެއްގެ މަތިންދާބޯޓް ނުގަންނަ ގޮތަށް ގަތަރު އެއާވޭސްއިން އޮތީ ނިންމާފަ އެވެ.

އެއާބަސްއިން ގަތަރު އެއާވޭސްއަށް ސަޕްލައިކުރި އޭ350 މަރުކާގެ މަތިންދާބޯޓްތަކުން ދަވާދުނޮޅޭ މައްސަލަ ހައްލުކުރުމުގައި އެއާބަސް އެއްބާރުލުން ނުދޭ ކަމަށް ބުނެ ގަތަރު އެއާވޭސްއިން ވަނީ މައްސަލަ ކޯޓަށް ވެސް ވައްދާފަ އެވެ.

މި މައްސަލާގައި ދެ ކުންފުނި ކުރި މަޝްވަރާތައް ހޫނުވެ، އޭ321 ނިއޯ މަރުކާގެ 50 މަތިންދާބޯޓް ގަންނަން ގަތަރު އެއާވޭސް ދީފައި އޮތް ހަ ބިލިއަން ޑޮލަރުގެ އެއްބަސްވުން ވެސް އެއާބަސްއިން ވަނީ ކެންސަލްކޮށްފަ އެވެ.

އެއާބަސްއިން ބުނާ ގޮތުން މަތިންދާބޯޓްތަކުން ދަވާދު ނޮޅުމަކީ ބޯޓުގެ ރައްކާތެރި ކަމަށް އަސަރުކުރާނެ ކަމެއް ނޫނެވެ. އެެހެން ނަމަވެސް މައްސަލަ ހައްލުކުރުމަށްޓަކައި އެއާބަސްއަށް މާއްދާތައް އުފައްދައިދޭ ކުންފުނިތަކާ މަޝްވަރާކުރާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ގަތަރު އެއާވޭސްއިން ޔޫޓިއުބުގައި އާންމުކުރި ވީޑިއޯއެއްގައި އޭ350 މަރުކާގެ ބައެއް ބޯޓުތަކުން ވަރަށް ބޮޑަށް ދަވާދު ނޮޅިފައި ހުރިތަން ފެނެ އެވެ. އަދި ދަށުގައި އަޅާފައި އޮންނަ ރަތުލޮއި / ކާބަން ފައިބަރު ދާގަޑު ފެނެ އެވެ. އެއީ ވިދާ ގުގުރާއިރު ބޯޓު ރައްކާތެރި ކުރުމަށް އަޅާފައި އޮންނަ ނަރުދާގަނޑެކެވެ.

މިސަބަބާ ހެދި ގަތަރުގެ އިދާރާތަކުން އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓުތައް ގުރައުންޑް ކުރަން ވެސް އޮތީ އަންގާފަ އެވެ. އެހެންކަމުން ގަތަރު އެއާވޭސްގައި ބޭނުންކުރާ މި މަރުކާގެ 53 ބޯޓުގެ ތެރެއިން 21 ބޯޓް ގުރައުންޑްކޮށްފައިވާ ކަމަށް އެއާލައިނުން ބުނެ އެވެ.