ޗައިނާގެ ހަތަރު އެއާލައިނަކުން އެއާބަސް އޭ320 މަރުކާގެ 292 މަތިންދާ ބޯޓަށް އޯޑަރު ދީފި އެވެ.
އެއާބަސް މަތިންދާބޯޓު ތަކަށް އޯޑަރު ދިން އެއާލައިން ތަކުގެ ތެރޭގައި ހިމެނެނީ އެއާ ޗައިނާ، ޗައިނާ އީސްޓާން، ޗައިނާ ސަދާން އަދި ޝެންޒެން އެއާލައިންސް އެވެ.
އެއާބަސްއަށް ޗައިނާއިން މިވަރުގެ ބޮޑު އޯޑަރެއް ލިބުމުން މެނޭޖްމަންޓުން އުފާ ފާޅުކޮށް ކަސްޓަމަރުންނަށް ހެޔޮބަސް ބުނެ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
އެއާބަސް އިން ބުނި ގޮތުން ކުންފުންޏަށް އަލަށް ލިބޭ ބޮޑެތި އޯޑަރު ތަކަކީ ކަސްޓަމަރުން އެއާބަސްއަށް ކުރާ އިތުބާރާއި އޮންނަ ގާތްކަމެވެ. އަދި ވަކިން ޚާއްސަކޮށް ޗައިނާ އެއާލައިންތަކުން އެއާބަސް މަރުކާގެ ބޯޓުތައް ބޭނުންކުރުމަކީ ކުންފުނީގެ އުމުރު ދިގުވުމަށް އޮތް ފުރުސަތެކެވެ.
އެއާބަސް މަތިންދާބޯޓުތައް ގަންނަ އެއާލައިން ތަކަށް އޮންނަ ޔަގީން ކަމަކީ، އެއާބަސް އިން ބުނި ގޮތުން ތެޔޮ ހަރަދު ކުޑަވުމާއި، ބޯޓުތަކުގެ ފެންވަރު ރަނގަޅުވުން އަދި ޔޫރަޕްގެ ބާރުގަދަ ކުންފުންޏަކާ އެކު ބަދަހިގުޅުމެއް އޮތުމެވެ.
ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ކަމޭހިތައި އެއާބަސް އިން ބަސް ބުނުމުގައި ދެ ބޭނުމެއް އެބަ އޮތެވެ.
ޗައިނާއަށް ދަތިކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕާ އެކު ޗައިނާ ކުންފުނިތަކުން ކުރާ ވިޔަފާރި ހީނަރުވެދާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.
އެހެން ނަމަވެސް އެކަމަށް ބެލުމެއް ނެތި ޔޫރަޕްގެ ކުންފުންޏަކާ އެކު ވިޔަފާރިކުރަން ޗައިނާ ނިންމުމަކީ އެއާބަސްއާ އެކު ގުޅުން ދެމެހެއްޓުމަށް ޗައިނާ ޝައުގުވެރިވާ ކަމުގެ ހެއްކެކެވެ.
އެއާބަސް އާއި ގަތަރު އެއާވޭސްއާ ދެމެދު އުފެދިފައި އޮތް ޚިލާފުތަކަށް ބެލުމެއް ނެތި އެއާބަސް ބޯޓުތަކަށް ކަސްޓަމަރުން އޯޑަރު ދިނުމަކީ ކުންފުންޏަށް ބޮޑު ގަދަރެއް ގޮތުގައި އެއާބަސް ދެކެ އެވެ.
ގަތަރު އެއާވޭސްއަށް ސަޕްލައިކުރި އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓް ތަކުން ދަވާދު ނޮޅޭ މައްސަލަ ހައްލުކުރުމުގައި އެއާބަސް އެއްބާރުލުން ނުދޭ ކަމަށް ބުނެ ގަތަރު އެއާވޭސްއިން ވަނީ އެއާބަސްގެ މަތިންދާބޯޓުތައް ގަތުމާ މެދު ވިސްނާނެ ކަމަށް ބުނެފަ އެވެ.
އަދި ދަވާދު ނޮޅޭ މައްސަލަތައް ހައްލުނުކޮށްފި ނަމަ އެއާބަސް އިން ވަކި މަރުކާއެއްގެ ބޯޓުތައް ނުގަންނާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
ގަތަރު އެއާވޭސްއިން ޔޫޓިއުބުގައި އާންމުކުރި ވީޑިއޯއެއްގައި އޭ350 މަރުކާގެ ބައެއް ބޯޓުތަކުން ވަރަށް ބޮޑަށް ދަވާދު ނޮޅިފައި ހުރިތަން ފެނެ އެވެ. އަދި ދަށުގައި އަޅާފައި އޮންނަ ރަތުލޮއި / ކާބަން ފައިބަރު ދާގަޑު ފެނެ އެވެ. އެއީ ވިދާ ގުގުރާއިރު ބޯޓު ރައްކާތެރި ކުރުމަށް އަޅާފައި އޮންނަ ނަރުދާގަނޑެކެވެ.