އިންޑިއާ

ޗައިނާއާ އެއްހަމައަށް އިންޑިއާއަށް ދެވޭނެތަ؟

އިންޑިއާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އެހެންވެ އެ ގައުމުގެ އިގްތިސާދީ ކުރިއެރުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަބަދުވެސް އުފައްދަ އެވެ.

ހާއްްސަކޮށް، އިންޑިއާއަށް ވާދަވެރި ޗައިނާގެ އިގްތިސާދީ ކުރިއެރުންތަކާ އެއްވަރަށް ކުރިއަށް ދެވިދާނެތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ސީއެންބީސީގެ "އިންސައިޑް އިންޑިއާ" ނިއުސްލެޓާގައި މިކަމާ ގުޅޭގޮތުން ތަފްސީލީ ދިރާސާއެއް ހިމަނާފައިވެ އެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. ނަމަވެސް އެ ގައުމުގެ ޒުވާން އާބާދީއާއި ޓެކްނޮލޮޖީގެ ރޮނގުން ލިބިފައިވާ ކުރިއެރުމަކީ އުއްމީދީ ކަންތައްތަކެއް ކަމުގައި ބެލެވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ އިންޑިއާގެ އިގްތިސާދު ކުރިއަރުވައި، ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުތަކުގެ ތެރެއިން އެއް އިގްތިސާދަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ. އެހެންނަމަވެސް އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރާޖީވް ކުމާރް ވިދާޅުވީ އިންޑިއާއަށް ޗައިނާއާ އެއްވަރަށް ކުރިއަށް ދެވޭނީ ވަރަށް ގިނަ އިސްލާހުތަކެއް ގެނެސް، އިންވެސްޓްމަންޓްތައް އިތުރުކޮށް، އުފެއްދުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.

މިއީ އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް،" ރާޖީވް ވިދާޅުވި އެވެ.

އިންޑިއާގެ އިގްތިސާދީ ކުރިއެރުމުގެ ރޭޓް 6.7 އިންސައްތައިގައި މިވަގުތު ހުރިއިރު ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ ރޭޓް ހުރީ 5.2 އިންސައްތައިގައެވެ. ނަމަވެސް ޗައިނާގެ އިގްތިސާދަކީ އިންޑިއާގެ އިގްތިސާދަށް ވުރެ ފަސް ގުނަ ބޮޑު އިގްުތިސާދެކެވެ.

އެމެރިކާގެ އިގްތިސާދު ފިޔަވާ ދެން ދުނިޔޭގައި އޮތް އެންމެ ބޮޑު އިގްތިސާދަކީވެސް ޗައިނާ އެވެ. އެހެންކަމުން އިންޑިއާ އަށް ޗައިނާ އާއި އެއް ހަމައަށް ވާސިލުވުމަކީ އަދި ވަރަށް ދުރު ކަމެކެވެ. އިންޑިއާ އިން މިސަރަހައްދުގެ ކަނޑުގެ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތުގައިވެސް ހުރަހަކަށް ވެފައިވަނީ ޗައިނާ އެވެ.

އިންޑިއާ ކަނޑުގައި ނުފޫޒުގަދަ ކުރުމަށް ދެ ގައުމުންވެސް މަސައްކަތް ކުރަމުން ގެންދެ އެވެ. އެކަމަށްވެސް މަގުފަހިވާނީ އިގްތިސާދީ ހާލަތެވެ. އިންޑިއާ ކަނޑުގައިވާ ގައުމުތަކާ އެކު ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކޮށް އެ ގައުމުތަކަށް ޗައިނާއިން ދޭ އެހީ އާއި ގާތަށްވެސް އިންޑިއާ އަށް އެހީތެރިކަން ފޯރުކޮށްދެވޭ ތަނެއްވެސް ނުފެނެ އެެވެ.

އެހެންނަމަވެސް މިހާރު އިންޑިއާ އިން ގެންދަނީ އަވަށްޓެރި ސްރީލަންކާ އަދި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ވެރިންގެ ފެންވަރުގައި އެކިއެކި މަޝްވަރާތައްވެސް ކުރަމުން އެބަދެ އެވެ. ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެން ހުންނެވީވެސް އިންޑިއާގައި ނަރެންދުރަ މޯދީގެ އަރިހުގައެވެ.

އިންޑިއާ އަށް ޗައިނާ އާއި ހަމައަށް ވާސިލްވެވޭނެ ހަމައެކަނި މަގެއްގެ ގޮތުގައި ފެންނަން އޮތީ އިންޑިއާ ކަނޑުގައި އިންޑިއާގެ ނުފޫޒާއި ބާރުވެރިކަން އިތުރުކޮށްގެންނެވެ. ދިވެހިރާއްޖެ ފަދަ އިންޑިއާ ކަނޑުގެ އެންމެ ސްޓްރެޓެޖިކް ލޮކޭޝަންތަކުގައި ހުރި ގައުމުތަކާ މިހާރަށް ވުރެ ބޮޑަށް އިންޑިއާ އިން ގުޅުން ބަދަހިކުރަންޖެހޭ ކަމަށްވެސް މާހިރުން ދެކެ އެވެ.