ރަޝިއާ - ޔުކްރޭން ހަނގުރާމައާ ހެދި ދުނިޔެއަށް ގޮދަން ލިބުނުން ވަރަށް ބޮޑަށް ދަތިވެފައި އޮތް ދަނޑިވަޅެއްގައި އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓް ކުރުން މަނާ ކުރުމުން މުޅި ދުނިޔެއަށް ގުޑުން އަރައިފި އެވެ.
ދުނިޔޭގެ ގައުމުތަކަށް އިންޑިއާ ވަރުގެ ނުބައި ގައުމެއް ވެސް ނެތެވެ. މުއްސަނދި ކަމަށް އަރާތިބި "ޖީސެވަން" ގައުމުތަކަށް ވެސް ގޯސްވީ އިންޑިއާ އެވެ. އިންޑިއާގެ ހާލަތަށް އަދި އޭޝިއާގައި އިންޑިއާ އަދާކުރާ މުހިންމު ދައުރަކަށް ނުވިސްނަ އެވެ.
ދުނިޔޭގައި އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފާއިވާ ކަމަށް ބުނާ "ޖީސެވަން" ގައުމުތަކަކީ ފްރާންސް، ކެނެޑާ، ޖަޕާން، ޖަރުމަން، އިޓަލީ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ. ޔޫރަޕިއަން ޔޫނިއަން ވެސް އެބައިގައި ލިސްޓްކޮށްފައި އޮވެ އެވެ.
ޖަރުމަނުގެ އެގްރިކަލްޗަރު މިނިސްޓަރު ޖެމް އޯސްޓަމިއާ ވިދާޅުވި ގޮތުގައި ގޮދަންފުށް ލިބެން ހުރި ކޮޅުތައް ބަންދުކޮށް އެކްސްޕޯޓް ކުރަން ޝަރުތުތައް ކުރިމަތި ކުރުމުން ދުނިޔޭގެ ހާލަތު ދެންވެސް ވާނީ އިތުރަށް ގޯހެވެ.
އިންޑިއާގެ ދިފާއުގައި ނުކުމެ ޗައިނާއިން ވަނީ "ޖީސެވަން" ގައުމުތަކަށް ބުރުވާލާފަ އެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ސްޕޮންސާ ކޮށްގެން ހިންގާ ކަމަށް ގަބޫލުކުރުވޭ ގްލޯބަލް ޓައިމްސް ނޫހުން ބުނާ ގޮތުން ގޮދަނާއި ގޮދަންފުށުގެ މައްސަލާގައި އިންޑިއާއަށް ފާޑުކިޔައި އެއްޗެހި ގޮވުމަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެ އެވެ.
ޗައިނާ ބުނާ ގޮތުން ދުނިޔެއަށް ކާން ދިނުމަކީ ހަމައެކަނި އިންޑިއާއަށް އޮތް ވާޖިބެއް ނޫނެވެ. އިންޑިއާއަށް ހަޅޭއް ނުލައިވައި "ޖީސެވަން" ގައުމުތަކުން ގޮދަނާއި ގޮދަންފުށް ދުނިޔޭގެ މާކެޓަށް ނެރެން ފަސް ޖެހެނީ ކިއްވެތޯ ޗައިނާ ވަނީ ސުވާލުކޮށްފަ އެވެ
ޗައިނާއިން ބުނީ އިންޑިއާގެ ސިޔާސަތު ބަރާބަރު ކަމަށާއި ސިޔާސަތު ބަދަލު ކުރަން ޖެހޭނީ ޔޫރަޕާއި ބައިވެރިން ކަމަށެވެ. ޔޫރަޕުގެ ގައުމުތަކުން ކާނާ އާއި ޒަރޫރީ އެހެނިހެން ބާވަތްތައް ބައްކޮށްފައި ބެހެއްޓި ނަމަވެސް، އިންޑިއާއަކީ މުޅި ސަރަހައްދަށް ކާންދޭ ގައުމެއް ކަމަށް ގްލޯބަލް ޓައިމްސްގެ ކޮލަމިސްޓް ލިޔެފައިވެ އެވެ.
ރަޝިއާ - ޔުކްރޭން ހަނގުރާމަ އަކީ ޔޫރަޕާއި ބައިވެރިން ކުރުވައިގެން އުޅޭ ކަމެކެވެ. މިކަމާ ހެދި ދުނިޔެ ކާބޯތައްކެއްޗަށް ޖެހުމުން އިންޑިއާ ގޯސްވާންވީ ސަބަބެއް ނެތެވެ. ހަގީގަތުގައި އިންޑިއާ އަކީ މާބޮޑު އާބާދީއަކަށް ކާންދޭ ގައުމެކެވެ.
އިންޑިއާ ދެކެ ރުޅިއަރައިގަނެގެން އުޅެނީ ޔުކްރޭން ހަގުރާމާގައި ރަޝިއާ ކުށްވެރިކޮށް އެއްޗެއް ނުބުނެގެނެވެ.