ދުނިޔެ

ޗައިނާ މަނަވަރެއް ލަންކާއަށް ދިއުމުގައި ނުރައްކަލެއް ނޯންނާނެ: ޗައިނާ

ޗައިނާގެ އަސްކަރީ މަނަވަރެއް ލަންކާގެ ހަްމްބަންޓޯޓާ ބަނދަރަށް ދިއުމަކީ އިންޑިއާއަށް އޮތް ނުރައްލަކެއް ނޫން ކަމަށް ޗައިނާ ބުނެފި އެވެ. ބައިނަލްއަގްވާމީ ކަނޑުގައި ބައިނަލްއަގްވާމީ މެރިޓައިމް އުސޫލުތަކާ އެއްގޮތަށް ދަރުތު ކުރުމަކީ ކޮންމެ ގައުމަކަށް އޮތް ހައްގެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ.

ޗައިނާގެ އަސްކަރީ މަނަވަރެއް، އުޅަނދަށް ލިބިދީފައި ހުރި އަސްކަރީ ގާބިލުކަމާ އެކު އިންޑިއާއާ ވަރަށް ގާތަށް ދަތުރުކޮށް ލަންކާގެ ބަނދެއްގައި، ބަނދަރު ކުރުމަކީ އިންޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން އިންޑިއާގެ މި ކަންބޮޑުވުން ލަންކާއާ އޮތީ ކުރިއާލައި ނިއުދިއްލީން ހިއްސާ ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް، ޗައިނާއާ ގުޅުން ހުރި މިކަހަލަ ބައެއް މުއާމާލަތްތައް ހުއްޓުވުމަކީ ލަންކާއަށް ފަސޭހަ ކަމެއް ނޫނެވެ.

ލަންކާގެ ތަރައްގީއަށް ޗައިނާއިން ވަނީ ވަރަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. ހަމްބަންޓޯޓާ ބަދަރަކީ ވެސް ޗައިނާއިން ލޯނު ނަގައިގެން ބިނާކޮށްފައި އޮތް ބަދަރެކެވެ. ހަމްބަންޓޯޓާ ބަދަރު ބިނާކުރަން 1.5 ބިލިއަން ޑޮލަރު ވަނީ ޚަރަދު ކޮށްފަ އެވެ.

ޗައިނާގެ އަސްކަރީ މަނަވަރު "ޔުއާން ވަންގް 5" އަކީ ކަނޑުގެ ދިރާސާތަކާށާއި ހޯދުންތަކަށް ޚާއްސަ އުޅަނދެކެވެ. މި މަނަވަރަށް ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ފޯރާނެ ކަމަށް ބެލެވެނީ އޮގަސްޓް 11 ގައެވެ.

ލަންކާ މިހާރު ތަޖުރިބާ ކުރަމުންދާ އިގުތިސޯދީ ބަލިހާލަތުގައި ވެސް ޗައިނާއިން ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ލަންކާ ދަރައި ބަނޑަށް ޖެހުނީ ޗައިނާއާ ހެދި ކަމަށް އެމެރިކާއިން ބުނި ނަމަވެސް. ޗައިނާ ބުނާ ގޮތުން ލަންކާގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރި ގައުމަކީ ޗައިނާ އެވެ.

އެހެން ނަމަވެސް، އިންޑިއާއިން ވެސް ވަނީ ލަންކާއަށް ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދީފަ އެވެ. މިއަހަރުގެ މިހާތަނަށް ހަތަރު ބިލިއަނެއްހާ ޑޮލަރުގެ އެހީ ލަންކާއަށް ވަނީ ފޯރުކޮށްދީފަ އެވެ.

ލަންކާގެ އޮފިޝަލުން ބުނާ ގޮތުން ޔުއާން ވަންގް 5 ހަމްބަންޓޯޓާ ބަނދަރުގައި އޮންނާނީ ހަފުތާއެއް ވަންދެންނެވެ. މި އުޅަނދުން ކުރާ މަސައްކަތަކީ ސެޓެލައިޓް ކޮންޓްރޯލް، ސްޕޭސް ޓްރެކިން އަދި ދަތުރުފަތުރާ ގުޅުހް މިފަދަ ދިރާސާތައް ކަމަށް އޮފިޝަލުން ބުނެ އެވެ.