ސްރީލަންކާ

ޗައިނާ މަނަވަރުގެ ދަތުރު ލަސްކުރެވޭތޯ ލަންކާއިން ބަލަނީ

ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް މިސްރާބުޖަހައި ދަތުރުކުރަމުންދާ ޗައިނާ މަނަވަރު ވަކި މުއްދަތެއް ނެތް ގޮތަށް ލަސްކޮށްދިނުމަށް ޗައިނާގެ ކިބައިން ލަންކާ އެދެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ލަންކާއަށް މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ އިންޑިއާގެ ފިއްތުންތަކާ ހެދި ޕްރެޝަރު ބޮޑުވެގެންނެވެ.

ޗައިނާ މަނަވަރު "ޔުއާން ވަންގް 5" އަކީ ކަނޑުގެ އިލްމީ ދިރާސާތަަކަށް ޚާއްސަ އުޅަނދެއް ކަމަށް ޗައިނާ ބުނި ނަމަވެސް އެއީ ޖާސޫސީ އުޅަނދެއް ކަމަށް އިންޑިއާ ތުހުމަތު އެވެ.

ޔުއާން ވަންގް 5 ގައި ސެޓެލައިޓް ޓްރެކިން އަދި ކަނޑުގެ ފަށަލަތައް ސްކޭންކޮށް ބެލުމުގެ ގާބިލުކަން ހުރި ނަމަވެސް އެއީ ދެ ބޭނުމަކަށް ޚާއްސަ މަނަވަރެއް ކަމަށް ވެސް އިންޑިއާ ޚަބަރުތައް ބުނެ އެވެ.

އިންޑިއާ ޚަބަރުތަކަށް ޚާއްސަ ސީއެންއެން ނިއުސް 18 އިން ބުނާ ގޮތުން ޔުއާން ވަންގް 5 އަކީ ބެލިސްޓިކް މިސައިލް ލޯންޗްކުރުމުގެ ގާބިލުކަން ހުރި މަނަވަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަނަވަރު ދަތުރުކުރަނީ ޗައިނާގެ ޖިއަންގްޔިން ބަނދަރުން ފުރައިގެން ލަންކާގެ ހަމްބަންޓޯޓާގެ ބަނދަރަށެވެ. ހަމްބަންޓޯޓާއަށް މަނަވަރު ލަފާނެ ކަމަށް ބެލެވެނީ އޮގަސްޓް 11، އަންނަ ބުރާސްފަތި ދުވަހު އެވެ.

އިންޑިއާ ޚަބަރުތައް ބުނާ ގޮތުން ނިއުދިއްލީއަށް އޮތް ބިރަކީ މަނަވަރު ކުރާނެ ކަމެއް ނޭނގުމެވެ. އަދި އިންޑިއާގެ ހަރަކާތްތަކަށް ބަލައި ޖާސޫސްކޮށްފާނެ ކަމަށް ވެސް އިންޑިއާ ދެކެ އެވެ.

އިންޑިއާ ކަނޑުގެ ބޮޑު ބައެއް ލަންކާ އާއި އިންޑިއާ ހިއްސާކުރަން ޖެހިފައި އޮތުމުން އެ ތަނަށް އެހެން ގައުމަކުން ވަނުމަކީ ދެ ގައުމުގެ މަސްލަހަތު އޮތް ކަމެއް ކަމަށް ވެސް އިންޑިއާ ދެކެ އެވެ.

އެހެންކަމުން، އިންޑިއާގެ ޝަކުވާއަކަށް ވެފައި އޮތީ ޗައިނާ މަނަވަރު ހަމްބަންޓޯޓާގައި ބަނދަރުކޮށް ހަފުތާއެއް ވަންދެން އެ ތަނުގައި އޮތުމެވެ.

އިންޑިއާގެ މި ޝަކުވާއާ ގުޅިގެން ލަންކާއިން ކުރިން ބުނީ މަނަވަރު ބަނދަރުކުރަނީ ތެޔޮއަޅަން ކަމަށެވެ. އަދި އެކަން ނިމުމުން ފުރައިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް، މިވަރު ވެސް އިންޑިއާ ހިތްހަމަޖެހޭ ގޮތެއް ނުވި ކަމަށް އޭއެފްޕީ ބުނެ އެވެ.

މަނަވަރުގެ ދަތުރު ލަސްކުރުމަށް އެދި ލަންކާގެ ފޮރިން މިނިސްޓްރީ ލިޔުމުން ޗައިނާގެ ލަންކާ އެމްބަސީގައި އެދިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އޭއެފްޕީ ބުނާ ގޮތުން މަނަވަރުގެ ދަތުރު ކުރިއަށް ނުދާނެކަން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ސިޔާސީ ލީޑަރުންނަށް ދަންނަވާފަ އެވެ.