ދުނިޔެ

ޗައިނާ މަނަވަރު ލަންކާގައި ބަނދަރުކުރަން ހުއްދަ ދީފި

ޗައިނާގެ ދިރާސާ މަނަވަރު "ޔުއާން ވަންގް 5" ލަންކާގެ ހަމްބަންޓޯޓާގައި ބަނދަރު ކުރުމުގެ ހުއްދަ ލަންކާ ސަރުކާރުން ދީފި އެވެ. މި މަނަވަރަށް ހުއްދަ ދިންއިރު އިންޑިއާއިން ވަނީ މަނަވަރުން ކޮށްފާނެ ކަމަކާ މެދު ކަންބޮޑުވާކަން ލަންކާ ސަރުކާރަށް ހުށަހަޅާފަ އެވެ.

އިންޑިއާ އާއި ޗައިނާ އަކީ ހުރިހާ ދާއިރާއެއްގައި ވެސް ވަރަށް ބޮޑަށް ވާދަވެރިކަން އޮންނަ ދެ ގައުމެވެ. އަނެއްކޮޅުން ދެ ގައުމުގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމުގައި ވެސް ވާދަވެރިކަން ބޮޑުވެ އަބަދު އޮންނަނީ ބޮލަށް ބަޑިޖަހާ ވަރު ވެފަ އެވެ.

މިހެން ކަން އޮއްވައި ޗައިނާގެ ބާރުގަދަ ބަނަވަރެއް އިންޑިއާއާ ވަރަށް ގާތަށް، ލަންކާގެ ބަނދަރަކަށް ދަތުރު ކުރުމަކީ އިންޑިއާއަށް ނުތަނަވަސްކަން ބޮޑު ކަމަމަށް އޮތީ ވެފަ އެވެ.

އިންޑިއާ ތުހުމަތުކުރާ ގޮތުގައި ޔުއާން ވަންގް 5 އަކީ ޖާސޫސީ އުޅަނދެކެވެ. އެހެން ނަމަވެސް، ޗައިނާ ބުނާ ގޮތުން އެއީ ކަނޑުގެ އިލްމީ ދިރާސާތަަކަށް ޚާއްސަ މަނަވަރެކެވެ.

ޔުއާން ވަންގް 5 ގައި ސެޓެލައިޓް ޓްރެކިން އަދި ކަނޑުގެ ފަށަލަތައް ސްކޭންކޮށް ބެލުމުގެ ގާބިލުކަން ހުރި ނަމަވެސް އެއީ ދެ ބޭނުމަކަށް ޚާއްސަ މަނަވަރެއް ކަމަށް ވެސް އިންޑިއާ ޚަބަރުތައް ބުނެ އެވެ.

އިންޑިއާ ޚަބަރުތަކަށް ޚާއްސަ ސީއެންއެން ނިއުސް 18 އިން ބުނާ ގޮތުން ޔުއާން ވަންގް 5 އަކީ ބެލިސްޓިކް މިސައިލް ލޯންޗްކުރުމުގެ ގާބިލުކަން ހުރި މަނަވަރެކެވެ.

ބައިނަލްއަގްވާމީ ސެކިޔުރިޓީ ދިރާސާކުރާ ގުރޫޕްތަކުން ބުނާ ގޮތުން ޗައިނާ މަނަވަރަކީ ސެޓެލައިޓް ޓްރެކިންއަށް ކުޅަދާނަ އުޅަނދެކެވެ. އަދި ސައިންސްގެ ހޯދުންތަކަށް ކުޅަދާނަ އުޅަނދެކެވެ.

ޗައިނާ މަނަވަރެއް އިންޑިއާ ކަނޑުގައި ކުރާ ކަމަކާ މެދު އިންޑިއާ ވަރަށް ކަންބޮޑުވެ އެވެ. އެހެން ނަމަވެސް، އިންޑިއާ ކަނޑުން ތަންކޮޅެއް އަމިއްލަ ކުރުމަކީ ޗައިނާ އަދި އިންޑިއާ ވެސް އެދޭ ކަމެކެވެ.

އިންޑިއާ ކަނޑުގައި ޗައިނާއަށް ވުރެ ބާރުގަދަ ކުރަން އިންޑިއާ ރޭސްޖަހާއިރު ޗައިނާ ވެސް އޮތީ ހަމަ އެ ރޭހުގަ އެވެ.

ހަމްބަންޓޯޓާ ބަނދަރުގައި ޗައިނާ މަނަވަރު ބަނދަރުކުރުމާ އިންޑިއާ ދެކޮޅު ކަމަށް ނޫސްތަކުގައި ލިޔުނު ނަމަވެސް އެފަދަ ޝަކުވާއެއް އިންޑިއާ ނުކުރެ އެވެ.