ދުނިޔެ

ޗައިނާ މަނަވަރު ހަމްބަންޓޯޓާގައި ބަނދަރު ކުރަނީ ތެޔޮއަޅަށް: ލަންކާ

ލަންކާގެ ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ވަސީލަތެއް ގޮތަށް ބޭނުން ކޮށްފާނެތީ އިންޑިއާ ބިރުގަނެ އެވެ. މިކަން މިގޮތަށް އޮއްވައި ޗައިނާގެ އަސްކަރީ މަނަވަރެއް ހަމްބަންޓޯޓާ ބަނދަރަށް މިސްރާބުޖެހިކަން އެނގުމުން އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ލަންކާގެ ކިބައިން ތަފުސީލަށް އެދިފަ އެވެ.

އަސްކަރީ މަނަވަރެއް ކަމަށް ބުނާ "ޔުއާން ވަންގް 5" ހަމްބަންޓޯޓާ ބަނދަރަށް ފޯރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ މި މަހު 11، ބުރާސްފަތި ދުވަހު އެވެ. އެހެންނަމަވެސް މިހާރު ބުނަނީ މި ތާރީޚަށް ވުރެ ތަންކޮޅެއް ލަސްވެދާނެ ކަމަށެވެ.

ލަންކާގެ އޮފިޝަލުން ކުރިން ބުނި ގޮތުން "ޔުއާން ވަންގް 5" ހަމްބަންޓޯޓާ ބަނދަރުގައި އޮންނާނީ ހަފުތާއެއް ވަންދެންނެވެ. އެކަމަކު މިހާރު ބުނަނީ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި މަނަވަރު ކައިރިކުރަނީ ތެޔޮއަޅަން ކަމަށެވެ.

"ޔުއާން ވަންގް 5" ކުރާ މަސައްކަތަކީ ސެޓެލައިޓް/ ސްޕޭސް ޓްރެކްކުރުމާއި އަދި ދަތުރުފަތުރާ ގުޅުން ހުރި މިފަދަ ދިރާސާތައް ކުރުމެވެ. މިއީ ކަނޑާ ގުޅުން ހުރި އިލްމީ ހޯދުންތައް ހޯދައި ދިރާސާކުރަން ބަނދެފައި އޮތް މަނަވަރެކެވެ.

ލަންކާގެ ތަރައްގީއަށް ޗައިނާއިން ވަނީ ވަރަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. ހަމްބަންޓޯޓާ ބަދަރަކީ ވެސް ޗައިނާއިން ލޯނު ނަގައިގެން ބިނާކޮށްފައި އޮތް ބަދަރެކެވެ. ހަމްބަންޓޯޓާ ބަދަރު ބިނާކުރަން 1.5 ބިލިއަން ޑޮލަރު ވަނީ ޚަރަދު ކޮށްފަ އެވެ.

މި ބަނދަރު މިހާރު ބަލަހައްޓަނީ ވެސް ޗައިން ކުންފުންޏަކުންނެވެ. ޗައިނާއިން މި ބަނދަރު އަސްކަރީ ވަސީލަތެއް ގޮތަށް ބޭނުންކުރުމަކީ އިންޑިއާ ވަރަށް ކަންބޮޑުވާ ކަމެވެ.

އިންޑިއާއާ އެހާ ގާތުގައި ޗައިނާގެ އަސްކަރީ މަނަވަރުތައް ގާއިމުވެފައި އޮތުމަކީ އިންޑިއާގެ ރައްކާތެރި ކަމަށް ބިރެއް ކަމަށް ވެސް އިންޑިއާ ގަބޫލުކުރެ އެވެ.