މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކުއްތާ ބޭނުންކުރަން މިހާރަށް ވުރެ ހަރުދަނާ ގޮތެއް ހޯދަންޖެހޭ: ޝަރީފް

Jul 24, 2021
2

ފުލުހުން ބަލަހައްޓާ ކުއްތާ ސްކޮޑް، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ގޮތް ހަރުދަނާކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ފަދަ ނިޒާމެއްގެ ތެރެއިން ކުއްތާތައް ބޭނުންކުރަން ޖެހޭ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެ އެވެ.

އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ޝަރީފް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ބޭނުމަށް ގެންގުޅޭ ކުށްތާ ތަކަކީ ވަކި ގޮތަކަށް ޓްރެއިންކޮށް އަދި ވަކި ބަޔަކު ކުށްތާތައް ބެލެހެއްޓުމާއި ގެންގުޅުމަށްވެސް ހާއްސަވެފައި ތިބޭ ކަމަށެވެ. ރާއްޖެ އަކީ ސަތޭކަ ޕަސަންޓް މުސްލިމު ގައުމަކަށް ވާތީ ފުލުހުން ކުއްތާގައި އަތްލުމާއި އަދި އޮޕަރޭޝަންތަކުގައި ކުށްތާތައް މީހުންގެ ގައިގައި ބީހުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަކީ މުސްލިމުން ވީމާ ބައެއް މީހުން ބޭނުމެއް ނުވާނެ އެމީހުންގެ ގައިގައި ކުއްތާ ބީހޭކަށް. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އެެއާޕޯޓުތަކުގެ ޗެކިން އޭރިއާގައި ޕެސެންޖަރުން ބްލޯވަރއެއްގެ ތެރޭގައި ހިނގާފައި ދާއިރު ޖެހިގެން އޮންނަ ޕާތުވޭގައި ކުއްތާއެއް ދާނެ ޕަސެންޖަރަށް ވުރެ ތަންކޮޅެއް ފަހަތުން ހިނގާފައި. އެކަމަކު ޕަސެންޖަރަށް ކުއްތާއެއް ނުފެންނާނެ. ބްލޯވަރުން ބޭރުކުރާ ވައި ދެނެގަނެފައި ކުއްތާ ނިންމާނެ އެ ޕެސެންޖަރު އިތުރަށް ބަލައި ޗެކް ކުރަންޖެހޭނަމަ،" އާންމުންނާ ގާތަށް ކުއްތާ ނުގެނެސް ބަލައި ފާސްކުރެވިދާނެ ގޮތެއްގެ ހިޔާލު ދެއްވަމުން ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ކުއްތާތަކާ ގުޅޭގޮތުން އިތުރު ކަންބޮޑުވުމެއް ވެސް ޝަރީފް ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގައި ގެންގުޅޭ ކުއްތާ ތަކަކީ ހަ އަހަރު ދުވަސްވީ ކުއްތާތަކެއް ކަމަށްވާތީ ވަރަށް ބޮޑަށް ފޮރުވައިގެން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ކަހަލަ ބާވަތްތައް އަތުލައިގަތުމުގައި އެ ކުއްތާތަކުގެ ހުށިޔާރުކަން ކުޑަވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖޭގައި މިހާރު ބޭނުންކުރާ ކުއްތާތައް ރާއްޖެއަށް ގެނެސްފައިވަނީ 2015 ވަނަ އަހަރު އެވެ.

"ހަގީގަތުގައި ފުލުހުންނާއި ކަސްޓަމްސް އިން މިހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރަން އެންމެ ރަނގަޅީ އޮޕަރޭޝަންގައި ބޭނުންކުރާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ނުވާ ކުއްތާ. އެއީ ކުއްތާއެއްގެ ހަ އަހަރަކީ އާންމު އިންސާނެއްގެ 60 އަހަރު ކަމަށް މި އޮންނަނީ ބަލާފައި. އެހެންވެ އެ އުމުރު ދިޔައީމާ އާންމުކޮށް ސަލާމަތީ ހިދުމަތްތަކުގެ އޮޕަރޭޝަންތަކުން ކުއްތާތައް ދުރުކޮށް ކޮންމެވެސް އެހެން ކަހަލަ ބޭނުމެއް ދެން ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަށް އިގްތިސޯދީ ދަތިތަކެއް ކުރިމަތިވެފައިވާތީ ސަލާމަތީ ހިދުމަތްދޭ ކޮންމެ އިދާރާއެއްގައި ކުއްތާ ސްކޮޑެއް ގެންގުޅުން އުދަނގޫ ކަމަކަށް ވާނެ ކަމަށް ޝަރީފް ގަބޫލުކުރައްވަ އެވެ. އެކަމަކު ސަލާމަތީ ހިދުމަތްތަކުން ގުޅިގެން މިހާރަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކޮށްގެން ނޫނީ މިހާރު މިއޮތް ކުއްތާ ސްކޮޑުން ލިބޭނެ މާގިނަ ކާމިޔާބީތަކެއް ހުރެދާނެ ކަމަކަށް ވެސް ޝަރީފަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

"މިހާރު ބައެއް ހާލަތްތަކުގައި އަޅުގަނޑުމެން ތިބެންޖެހޭ ތަންތަނުގައި ވެސް އަޅުގަނޑުމެން ނެތި ފުލުހުން ކުއްތާ ގެންގުޅޭތީވެ ފުލުހުން ބައެއް ކަހަލަ އޮޕަރޭޝަން ކުރިއަށްދޭ. އެފަދަ ހާލަތްތަކުގައި ފަހުން ދިމާވާނެ މައްސަލަތަކެއް ހުރެދާނެ. އަޅުގަނޑުމެން ކުރިއަށް ގެންދާ ޝިޕް ރަމޭޖު އޮޕަރޭޝަންތަކުގައިވެސް ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯދައިގެން އަދި ކުއްތާތައް ވެސް ބޭނުންކޮށްގެން ބައެއް އޮޕަރޭޝަންތައް އެބަދޭ. މިފަދަ އޮޕަރޭޝަންތަކަކީ އެހާ އާންމު އޮޕަރޭޝަންތަކަކަށް ނުވި ނަމަވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން ޑޯގުތައް ބޭނުންކުރެވޭނަމަ ހޯދޭ ތަކެތި އިތުރު ކުރެވިދާނެ،" ކަސްޓަމްސްގައި ވަރަށް ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރައްވާފައިވާ ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި 16 ކުއްތާ ހިމެނޭ ސްކޮޑެއް އެކުލަވާލައި ސްކޮޑުގައި ހިމެނޭ ފަސް ކުއްތާ އެންމެ ފުރަތަމަ ރާއްޖެ ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 24، 2015 ގައެވެ. ކުއްތާތައް ބަލަހައްޓަނީ އެކަމަށް ހާއްސަކޮށް ތަމްރީންތަކެއް ހަދާފައި ތިބޭ ފުލުހުންނެވެ. ކުއްތާތައް ގެންގުޅެނީ ވެސް ހުޅުލޭގައި އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ވަކި ތަނަކު އެވެ.

ފުލުހުން ކުއްތާ ބޭނުންކޮށްގެން މާލެއާއި އަތޮޅުތެރޭގައި އަދި ބައެއް އެއާޕޯޓުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ކުއްތާތަކުގެ އެހީތެރިކަމާ އެކު މަސްތުވާތަކެއްޗާއި ރާއްޖެ އެެތެރެކުރުން މަނާ ބައެއް ތަކެތި ހޯދާފައިވެ އެވެ.