ދުނިޔެ

ތޫނިސްގައި ބޮޑުވަޒީރު މަގާމުން ދުރުކޮށް ޕާލަމެންޓް ހުއްޓުވައިފި

ޓިއުނީޝިއާ، ތޫނިސްގެ ރައީސް ގައިސް ސައީދު ބޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރު ކުރައްވައި ޕާލަމެންޓް ހުއްޓުވައިފި އެވެ. ރައީސް ވިދާޅުވި ގޮތުން ގާނޫންހަދާ މަޖިލިސް އުވާލުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވެ އެވެ. އެހެން ނަމަވެސް ވަކި މުއްދަތަކަށް މަޖިލިސް ހުއްޓުވާލުމުގެ ބާރު ގައުމުގެ ރައީސަށް ލިބިވަޑައި ގަންނަވަ އެވެ.

ސައީދު އަސްކަރީ ވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި ގޮތުން ގައުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ މަނިކުފާން ވިދާޅުވީ ގައުމު ހިންގުމަށްޓަކައި އެ މަނިކުފާނަށް ލިބިވަޑައިގެންފައި ހުރި ރިޔާސީ ބާރުތައް އިޚުތިޔާރުކުރައްވާނެ ކަމަށެވެ. އެއީ ބޮޑުވަޒީރުގެ މަގާމަށް މީހަކު އައްޔަންކުރެވެންދެން ކަމަށް ވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އެފަދަ ކަމަކަށް އަމުރު ވެސް ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫންހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގެންފައި ހުރި ހުރިހާ އިމްތިޔާޒުތަކެއް މި ވަގުތަށް ހިފަހައްޓަވާނެ ކަމަށެވެ.

ގާނޫންހަދާ މަޖިލީހުގެ ރައީސް ރަޝީދު ޣަނޫޝީ ވިދާޅުވި ގޮތުން ރައީސް ސައީދުގެ ނިންމެވުން ރަނގަޅެއް ނޫނެވެ. އެހެން ނަމަވެސް ސައީދު ވިދާޅުވީ ގައުމު ހިންގަވަނީ ގާނޫނާއި ކެބިނެޓް މެމްބަރުންގެ ލަފަޔާއެކު ކަމަށެވެ.

ތޫނިސްގައި މިހާރު ހިނގަމުން ކަންތައްތަކަށް އިދިކޮޅު ޕާޓީތަކުން ވެސް ދެކޮޅު ހަދަ އެވެ. ސިޔާސީ ބާރުވެރިން ބުނާ ގޮތުން ވޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރުކުރައްވައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަށް އެއްވެސް މީހަކަށް، މީޑީއާއަށް އަދި ނޫސްވެރިއަކަށް މައުލޫމަތު ދިނުން ވަނީ މަނާކޮށްފަ އެވެ.

ރައިސް ގައިސް ސައީދު ވިދާޅުވި އާ ބޮޑުވަޒީރު މަގާމާ ހަވާލުވެ ވަޑައިގަތުމުން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށާއި ގައުމު އާންމު ހާލަތަށް ބަދަލުވާން ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.