ތޫނިސްގައި ޖުލައި 26 ން އޯގަސްޓް 27 އަށް ކޮންމެ ދުވަހަކު 11 ގަޑިއިރުގެ ކާފިއުއެއް ހިންގަން ރައީސް ގައިސް ސައީދު އަމުރު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ނެރުނު އަމުރުގައި އޮތީ އާންމުން މައިދާންތަކަށް ނުކުމެ ތިން މީހުންނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުން މަނާ ކޮށްފަ އެވެ. އަދި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުން ވެސް މަނަލެވެ.
މުޅި ގައުމަށް ނެރުނު މިއަމުރު ތަންފީޒު ކުރެވެމުން ދާނީ ކޮންމެ ދުވަހެއްގެ ހަވީރު ހަތަކުން ހެނދުނު ހަޔަކަށް ކަމަށް ވެސް އޮތެވެ. ތޫނިސްއަށް ޖުލައި 27، މިއަދު އިރުއޮއްސޭނީ އެ ގައުމުގެ ގަޑިން 7:30 ގައެވެ. އިރު އެރީ 5:21 ގައެވެ.
ތޫނިސްގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި ރައީސް ވަނީ ބޮޑުވަޒީރާއި ދިފާއީ ވަޒީރު މަގާމުން ދުރު ކުރައްވައި ގާނޫން ހަދާ މަޖިލިސް ސަސްޕެންޑް ކޮށްފަ އެވެ.
ރައީސް ސައީދު ވިދާޅުވި ގޮތުން ގައުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ މަނިކުފާން ވިދާޅުވީ ގައުމު ހިންގުމަށްޓަކައި އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުތައް އިޚުތިޔާރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ލަސްތަކެއް ނުވެ ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުން ގާނޫނާ ޚިލާފު އެއްވެސް ކަމެއް އެމަނިކުފާން ނުކުރައްވާނެ އެވެ. އަދި އެފަދަ އަމަލެއް ކުރުމަށް ވަޒީރަކަށް ވެސް ނާންގަވާނެ އެވެ.
ރައީސް ވަނީ ގާނޫންހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގެންފައި ހުރި ހުރިހާ އިމްތިޔާޒުތަކެއް ވަގުތީ ގޮތުން ހިފަހައްޓަވާފަ އެވެ.