ދުނިޔެ

"އާ ސަރުކާރާއެކު ގާނޫންއަސާސީ ވެސް ބަދަލުކުރަންޖެހޭ"

ތޫނިސްގައި އާ ސަރުކާރެއް އެކުލަވައިލުން ދެން ލަސް ނުވާނެ ކަމަށް އެ ގައުމުގެ ރައީސް، ގައިސް ސައީދު ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ އާ ސަރުކާރެއް އެކުލަވާލި ނަމަވެސް ގައުމު ހިންގެން އޮތީ ގާނޫންއަސާސީ ވެސް ބަދަލު ކޮށްގެނެވެ.

ޓިވީ ޗެނަލްތަކުގައި ވާހަކަފުޅު ދައްކަވަމުން ގައިސް ސައީދު ވިދާޅުވީ ކެބިނެޓް މިނިސްޓަރުކަން ދެއްވާނީ ގާބިލް ބޭފުޅުންނަށް ކަމަށާއި މާގާމުތަކަށް ވަޒީރުން ހަމަޖައްސަވާނީ އެ ބޭފުޅުންގެ ހައިސިއްޔަތަށް ވެސް ބެއްލެވުމަށް ފަހު ކަމަށެވެ. އެހެން ނަމަވެސް އާ ސަރުކާރު އިއުލާން ކުރައްވާ ތާރީހެއް ސައީދު ވިދާޅެއް ނުވެ އެވެ.

ސައީދު ވިދާޅުވި ގޮތުން ގާނޫންއަސާސީއަކީ ބަދަލު ކުރުން މަނާ ލިޔުމެއް ނޫނެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އެ އޮތް ގޮތަށް ދާއިމަށް އޮތުން ވެސް ލާޒިމެއް ނޫނެވެ. އޭނާ ވިދާޅުވީ ކުށްހުރި އެއްޗެހިން ކުށްފިލުވަން ޖެހޭ ކަމަށާއި އިންސާނުންނަށް ދިރިއުޅެވެނީ ކުށްފިލުވައިގެން ކަމަށެވެ.

މިއަހަރު ޖުލައި 25 ގައި ސައީދު ވަނީ ބޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރު ކުރައްވައި ސަރުކާރު އުވާލައްވާފަ އެވެ. އަދި ޕާލަމެންޓް ހުއްޓުވައިފި ގައުމު ހިންގުމުގައި ހުރިހާ އިޚްތިޔާރެއް އަމިއްލަށް ނަންގަވާފަ އެވެ.

ސައީދު އަސްކަރީ ވެރިންނާ ބައްދަލު ކުރައްވައި އެއިރު ވިދާޅުވި ގޮތުން ގައުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އޭނާ ވިދާޅުވީ ގައުމު ހިންގުމަށްޓަކައި ރައީސްއަށް ލިބިވަޑައިގެންފައި ހުރި ރިޔާސީ ބާރުތައް އިޚުތިޔާރު ކުރައްވާނެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރަޝީދު ޣަނޫޝީ ވިދާޅުވީ ރައީސް ސައީދުގެ ނިންމެވުން ރަނގަޅެއް ނޫނެވެ. އެހެން ނަމަވެސް ސައީދު ވިދާޅުވީ ގައުމު ހިންގަވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ތޫނިސްގައި މިހާރު ހިނގަމުން ކަންތައްތަކަށް އިދިކޮޅު ޕާޓީތަކުން ވެސް ދެކޮޅު ހަދަ އެވެ. ސިޔާސީ ބާރުވެރިން ބުނާ ގޮތުން ވޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރު ކުރައްވައި ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ނޫސްވެރިންނަށް މައުލޫމަތު ދިނުން ވެސް އޮތީ އެނާއަށް މަނާ ކޮށްފަ އެވެ.