ދުނިޔެ

ތޫނިސްއަށް އާސަރުކާރެއް، ކެބިނެޓްގައި ގިނައީ ކަނބަލުން

ޓިއުނީޝިއާ / ތޫނިސްގެ ސަރުކާރު ހުސްކޮށް އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން އާ ސަރުކާރެއް އެކުލަވާލައިފި އެވެ. އާ ސަރުކާރުގެ ބޮޑުވަޒީރަކަށް ރައީސް ގައިސް ސައީދު އިޚްތިޔާރު ކުރައްވާފައި ވަނީ ކަނބަލެކެވެ.

ތޫނިސް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު ނަޖުލާ މިހާރު ވެފައި ވަނީ އަރަބި ދުނިޔޭގައި ހުންނެވި ހަމައެކަނި އަންހެން ބޮޑުވަޒީރަށެވެ. މިއީ ގައިސް ސައީދު ވަރަށް މޮޅަށް ކުޅުއްވި ކުޅިއެއް ކަމަށް ދުނިޔޭގެ ސިޔާސަތު ކިޔައިދޭ މީހުން ބުނެ އެވެ.

ނަޖްލާ ބޫދުންގެ ބޮޑުވަޒީރު ކަމުގައި ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ވެސް ގިނައީ ކަނބަލުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ތޫނިސްގައި ރައީސް ގައިސް ސައީދު ސަރުކާރު އުވާލައްވައި ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައި 11 ހަފުތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ސަރުކާރެއް އެކުލަވާ ނުލެވި ދިގުލައިގެން ދިއުމުގެ ސަބަބުން ދާޚިލީ މައްސަލަތައް އިތުރުވެ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކާށް ނުކުވެ ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.

ނަޖުލާ ބޫދުން ރަމަޟާން 63، އަކީ ޖިއޮލޮޖިސްޓެކެވެ. އަދި ތޫނިސް ނޭޝަނަލް ސްކޫލް އޮފް އިންޖިނޭރިންގެ ޕްރޮފެސަރެކެވެ. ތައުލީމީ ދާއިރާގައި ފުންންނާބު އުސް ކަނބަލެއް ނަމަވެސް ދައުލަތެއް ހިންގެވުމުގެ މާބޮޑު ތަޖުރިބާއެއް އެކަމަނާގެ ނެތް ކަމަށް ބުނެވެ އެވެ. އެހެންކަމުން އިހުތިޔާރު ކުރައްވާ ކެބިނެޓް ވާނެ ކަމަށް ބެލެވެނީ އައިބުތައް ފޫބެއްދޭ ވަރުގެ ގާބިލު ޖަމާއަތަކަށެވެ.

ނަޖުލާ ވަނީ ވޯލްޑް ބޭންކްގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފަ އެވެ.

ބޮޑުވަޒީރު ކަނޑައެޅުއްވި ކެބިނެޓްގައި 24 މިނިސްޓަރުން ހިމެނެ އެވެ. އޭގެ ތެރޭގައި 10 ކަނބަލުން ވެސް ހިމެނެ އެވެ. ރައީސް މިހާރު ވަނީ ކެބިނެޓަށް ރުހުން ދެއްވާފަ އެވެ.

ތޫނިސްގައި އާ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައި އޮތީ ޖުލައިގަ އެވެ. އެހެން ނަމަވެސް ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ތާރީހު ފަސް ކުރެއްވީ އެވެ.