މޯލްޑިވްސް ނެޝަނެލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އުފައްދަން މަސައްކަތް ކުރާ އެ ޕާޓީގެ އެއް ފައުންޑާ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް އެހެން ވިދާޅުވީ އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޕާޓީން ޕްރައިމަރީއެއް ބާއްވާ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަން ނާޒިމް މިއަދު ހާމަ ކުރެއްވި އިރު އެ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ކަމެއް ނުކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. ވިދާޅުވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް އެހެން ގައުމަކަށް ނުދެއްވާނެ ކަމަށެވެ.
"ރާއްޖޭގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ތިބުމުގެ ފުރުސަތެއް ނުދޭނަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޕާަޓީގެ ޕޮލިސީގެ ގޮތުގައި "މޯލްޑިވްސް ފަސްޓް" ކަނޑައަޅާނެ ކަމަށާއި އެއާއެކު ރާއްޖޭގައ ހަދާފައި ހުރި އެއްވެސް އެގްރިމެންޓެއް އެ ޕޮލިސީއާ ތައާރަޒުވާނަމަ ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް ބަދަލުކޮށް ނުވަތަ އެގޮތަށް އެކަން ނުވެއްޖެނަމަ އެގްރިމަންޓް ބާތިލު ކުރައްވާނެ ކަމަށެވެ.
އެކަންކަމާ ގުޅޭގޮތުން މަޖިލީހުގެ ތެރޭގައި އަދި އާންމުކޮށް އެކި ތަންތަނުގައި ވާހަކަ ނުދެއްކި ނަމަވެސް އޭގެ ކަންބޮޑުވުން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަމާބެހޭ ފަރާތްތަކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ޕާޓީގެ ސިޔާސަތަކީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަކޮށް ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް އަޑުގަދަ ކޮށް ފުރައްސާރަ ކުރުން ކަމަށް އަޅުގަނޑުމެން އެއަށްވުރެ މާބޮޑަށް ޑިޕްލޮމަސީ ބޭނުން ކުރަން ބޭނުން. އެ ޑިޕްލޮމަސީގެ ތެރެއިން އިރާދަކުރެއްވިއްޔާ ދިވެހިން ބޭނުންވާ ކަންކަން ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.