ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށްޓަކާ ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.
އެ ޕާޓީން އެކަމަށް ގޮވާލާ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އުފެދިގެން ދިއުން ކަމަށާ އަމިއްލަ ފަރުދަކުވިޔަސް ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ކަމުގައިވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ބުނެފައިވާއިރު ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެތަންތަނަކީ ވަކިފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން އެހީތެރިވާންވާނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން 15 އަހަރު ވެގެންދާއިރު ދިވެހިރާއްޖޭގައި އަދިވެސް ރައްޔިތުން އެދޭފަދަ މިނިވަން އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމްވެފައިނުވާކަމުގެ ޝަކުވާއަކީ ގިނަ ރައްޔިތުން މިއަދުވެސް ކުރަމުންދާ ޝަކުވާއެއް ކަމަށާ މިފަދައިން ޝަކުވާ ކުރަނީ ޝަރުއީ ދާއިރާގެ ކަންކަން ނިންމުމުގައި ސިޔާސީ ނުފޫޒު ފޯރަމުންދާ ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާތީ ކަމަށެވެ.
".. އެގޮތުން، ޝަރުއީ ދާއިރާ މިނިވަންކުރުމަކީ މި ސަރުކާރުންވެސް ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށްވެފައި ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށްޓަކައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް މި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން މި ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް މި ޕާޓީން ސަރުކާރަށް ގޮވާލަމެވެ،"
އެ ޕާޓީން ބުނީ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންވެސް ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ދެމުންދާ އިންޒާރުތަކަކީ ގާނޫނުއަސާސީ އިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ އެކަން ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ވަރަށް މުހިންމު ގާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާ މުއައްސަސާތަކެއް ކަމުން އެ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެ މުއައްސާތަކުން ކުރާ ތަހްގީގުތަކާއި ނިންމާ ނިންމުންތަކުގައި ބައެއް ފަހަރަށް ސިޔާސީ ނުފޫޒު އެކުލެވޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ބުނެފައިވެއެވެ.
"އެހެންކަމުން ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމުގައި ނުފޫޒުތަކަށް ނުލެބި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ. އަދި ހަމައެއާއެކު ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެފަރާތްތަކަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ އަމަލުތަކަކީ ތަހްޒީބް މުޖްތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް މި ޕާޓީން ނުދެކެމެވެ. އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާނަމަ އެކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެމައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި ސިޔާސީ ޕޯޑިއަމްތަކުގައި އެފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއްކަމަށް މިޕާޓީން ނުދެކެމެވެ،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.