މޯލްޑިވްސް ނޭޝަނަލް ޕާޓީ

ފުލުހުން ފިޔަވަޅެއް ނާޅާ، ސަރުކާރުގެ ނިންމުން ގޯސް: އެމްއެންޕީ

ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ޔޯގާ އިވެންޓް ހުއްޓުވުމަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުށްވެރި ކޮށްފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެއްވެސް ފަރާތަކުން ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެމްއެންޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދު ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

އެ ޕާޓީން ބުނީ މިއަދުގެ އިވެންޓް ހިނގަމުންދިޔަ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަަށާ މިފަދަ ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް އަންދާޒާ ކުރެވޭނެ ފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގަ އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މިއިވެންޓް ކުރިޔަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައި ނެތް ކަމަަށެވެ.

އަދި މިފަދަ އިވެންޓެއް ބޭއްވުމަށް އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު އެކަމަށް ބެލުމެއް ނެތި އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ އިވެންޓްގައި ބައިވެރިވި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތިކަމެވެ. އެމްއެންޕީ އިން ވަނީ ސަރުކާރުން މިފަދަ ނިންމުންތައް ނިންމުމުގައި ވީހާވެސް ޒިންމާދާރުކަމާއެކު ކުރިޔަށް ދިއުމަކީ މުހިންމުކަމެއް ކަމަށް ބުނެފައެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަނީ މިފަދަ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާތަކަށް ދުރާލާ ތައްޔާރުވެ ތިބެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށެވެ. އަދި އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް އަދި ގައުމުގައި ސުލްހަވެރިކަން ދެމެހެއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށެވެ،"